ވ.ރަކީދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ. މިއީ 10.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ވ.ރަކީދޫއަކީ 6 ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީއަކީ 370 ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 100 މީހުންނެވެ.
ރަށްގިރުމުގެ މައްސަލަ ރަކީދުއަށް ބޮޑުވާންފެށީ ރަށުގެ ބަނދަރު ހެދުމަށް ފަހުއެވެ. މިމައްސަލަ ޙައްލުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށް ރަށުގައި މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ރަށްގިރުމުގެ ސަބަބުން ރަށުގެ މީހުން ދިރިއުޅޭ ގެތައް ހުރި ސަރަޙައްދަށްވެސް ރާޅު އަރާކަމަށް ރަށު ކައުންސިލުން މީގެ ކުރިން މަޢުލޫމާތުދީފައިވެއެވެ. އެގޮތުން އުދަ އަރާ ދުވަސްވަރު ރަށުގެ އަށެއްކަ ގެއަށް ލޮނުގެ އަސަރު ކުރާކަމަށް ކައުންސިލުން މައުލޫމާތުދީފައިވެއެވެ.
We have completed V. Rakeedhoo Coastal Protection Project on 25th May 2022. The value of the project is MVR 10.1 million.#MTCCProjects #RayyithungeKunfuni pic.twitter.com/U0bqlIrm92
— MTCC Plc (@MTCCPlc) June 7, 2022
ރަކީދުއަކީ ގެސްޓްހައުސްގެ ވިޔަފާރިއަށްވެސް ވަންނަމުންދާ ރަށެކެވެ. ރަށުގެ ހޭރި ފަށުގައި ތަރައްޤީކޮށްފައިވާ ގެސްޓް ހައުސްއަށްވެސް ލޮނުއަރާ ގެއްލުންތައް ލިބެމުންދިޔައެވެ.
ރަކީދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެދަށުން އެމްޓީސީސީންވަނީ 40 މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖަހާ އެއްގަމު ތޮށިތަކެއް ލާފައެވެ. އަދި 200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ބޭރު ތޮއްޓެއްވެސްވަނީ ލާފައެވެ.
ރަށުގައި ފަތާ ސަރަޙައްދެއް ހެދުމަށް 560 ކިއުބިކް މީޓަރުގެ ސަރަޙައްދެއްވެސްވަނީ ފުންކޮށްފައެވެ. އަދި އެ ސަރަޙައްދުގައި 20 މީޓަރުގެ ގްރޮއިންސް ޖަހާ، 25 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެއެވެ.
ރަކީދޫ ކައުންސިލުން ވިދާޅުވީ އެރަށަށް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާކަމަށެވެ. އަދި ޕްރޮޖެކްޓް ކުރިއަށްގެންދިޔަ ނަމަވެސް، އޮއިވަރަށް އަންނަ ބަދަލާއެކު ކޮންމެވެސް ވަރަކަށް ގިރުމުގެ މައްސަލަ އަދިވެސް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެކަމުގެ ކަންބޮޑުވުން އަދިވެސް ރައްޔިތުންގެ އޮތްކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.