ޚަބަރު

އައިވީއެފްގެ ޚިދުމަތް ފެށުމަށް ހުއްދަ ހޯދަން ހުށައަޅައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ފެށުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތް ފަށައިފިއެވެ.

މިޚިދުމަތް ފެށުމަށްޓަކާ ބޭނުންވާ ހުއްދަތައް ހޯދުމަށް އެހޮސްޕިޓަލުންވަނީ މިހާރު މިނިސްޓްރީ އޮފް ހެލްތަށް ހުށައަޅާފައެވެ.

އައިވީއެފް ނުވަތަ "އިން ވިޓްރޯ ފަރޓިލައިޒޭޝަން"އަކީ ގުދުރަތީގޮތުން ދަރިމައިވުމުގައި ހުރަސްތަކެއް މެދުވެރިވެ ދަރިމައި ވުމުން މަޙުރޫމް ވެފައިވާ މީހުންނަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮސީޖަރއެކެވެ. މިހާތަނަށް ރާއްޖޭގައި މި ޚިދުމަތް ފަށާފައިނުވިނަމަވެސް ދަރިމައިވުމުގައި ދިމާވާ މައްސަލައަށް ޙައްލެއްގެ ގޮތުން އައިޔޫއައި ނުވަތަ "އިންޓްރީޔޫޓްރައިން އިންސެމިނޭޝަން"ގެ ފަރުވާ އަންނަނީ ދެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި އައިޔޫއައި އަށްވުރެ ބޮޑަށް ދަރިމައިވުމުގެ ޔަގީންކަން އިތުރުކޮށްދެނީ އައިވީއެފްގެ ޒަރިއްޔާއިންނެވެ.

ދަރިމައިވުމާއި ގުޅޭގޮތުން ކުރިމަތިވާ މައްސަލަތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ދިރާސާއެއް ކުރެވިފައި ނެތެވެ. އެހެންނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލުން މިޚިދުމަތަށް އެދޭ މީހުން ތިބިތޯ ބެލުމަށް ކުރިއަށްގެންދިޔަ މާކެޓް ސަރވޭއަކުން މިއީ ދިވެހިންގެ މެދުގައި ޑިމާންޑު ވަރަށް ބޮޑަށް އޮތްކަމެއްކަން ވަނީ އެނގިފައެވެ. އެހެންކަމުން ޚިދުމަތް ފެށުމަށްޓަކާ ޓްރީޓޮޕް ހޮސްޕިޓަލުން މިހާރުވަނީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ރެގިއުލޭޓްކުރާ ފަރާތްކަމުގައިވާ ހެލްތު މިނިސްޓްރީއަށް ހުށައަޅާފައެވެ. އަދި މިނިސްޓްރީއިން ބޭނުންވާ ހުއްދަތަށް ލިބުމާއެކު މިޚިދުމަތް ޓްރީޓޮޕްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގައި އައު ޚިދުމަތްތައް ތަޢާރަފްކޮށް ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ރާއްޖޭގައި ހިންގަމުން އަންނަ ޕްރައިވެޓް އެންމެ ބޮޑު ދެ ހޮސްޕިޓަލް އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ މުޅިން އައު ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރަމުންނެވެ.