ދުނިޔޭގެ ވިޔަފާރި

މިއަހަރު މުޅި ދުނިޔޭގެ އިޤްޠިޞާދު ދަށަށް ދާނެ: ވޯލްޑް ބޭންކް


މުޅި ދުނިޔޭގެ އިޤްޠިޞާދު މިއަހަރު ކުރިއަރާ މިންވަރު %2.9 ދަށަށް ދާނެކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.

މިކަމުގެ ސަބަބުން ގިނަ ޤައުމުތަކަށް މިހާރު ވަނީ ރިސެޝަނާއި ކުރިމަތިލާން ޖެހިފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހީނަރުވެފައިވާ ޤައުމުތަކުގެ އިޤްޠިޞާދު އިތުރަށް އަޑިއަޅާލީ ރަޝިއާ ޔުކްރެއިންގެ ހަނގުރާމައިގެ ސަބަބުންނެވެ. އަދި މިކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރުވެސް ދީފައެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްފާސް ވިދާޅުވީ ދުނިޔޭގެ އިޤްޠިޞާދު މިއަހަރު ކުރިއަރާނީ %2.1 ކަމަށެވެ. އަދި އަންނަ އަހަރު މި އަދަދު އުޅޭނީ އެންމެ 1.5 އިންސައްތައިގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމާއ ގުޅިގެން ޗައިނާއިން އިއުލާންކުރި ފުރަބަންދުގެ ސަބަބުން ދުނިޔޭގެ އިޤްޠިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އިޤްޠިޞާދީ ދުވެލި މިހާ މަޑުވެ އިންފްލޭޝަން ރޭޓު މިހާބޮޑަށް އެންމެ ފަހުން މަތިވެފައިވަނީ 1970 ވަނަ އަހަރު ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

މިކަމުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނީ ކާނާ އާއި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމުން ކަމަށް މަލްފާސް ވިދާޅުވިއެވެ.

ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ އިޤްޠިޞާދީ ދުވެލިވެސް ބޮޑުތަނުން މަޑުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ. ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ ގްލޯބަލް ރިސެޝަނަކަށް ހިނގައިދާނެ ކަމަށް މަލްޕާސް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.