އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ދައުވަތަކަށް ރާއްޖޭގެ ޕެރަލިމްޕިކްސް ޓީމު "ސްޕޯޓްސް ވިސިޓާ ޕްރޮގްރާމް/ޔޫތު އެޑަޕްޓިވް ސްޕޯޓްސް 2022" ގައި ބައިވެރިވުމަށް ފުރައިފިއެވެ.
މި ޓީމުގައި ހިމެނެނީ ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދެ އެތުލީޓުންނާއި އަދި ކޯޗެކެވެ. ތަޖުރިބާގެ ދަތުރެއްގައި ޕެރަލިމްޕިކްސް ޓީމު އެމެރިކާއަަށް ފުރާފައިވަނީ ހޯމަ ދުވަހުގެރެއެވެ.
މި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އައިޝަތު ޖުމާނާ އާއި، ހަސަން އިބްތިހާލް އަލީ އާއި، މުހަޙައްމަދު ނާއިލް ސަލާމާއި، ވަސްމީ ވަހީދުގެ އިތުރުން އަނޫލާ ސަލީމެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މި ޓީމުގެ އެތުލީޓުން ބުނީ މި މުބާރާތަކީ އެ އެތުުލީޓުންނަށް ލިބިގެންދާނެ ބޮޑު ތަޖުރިބާއެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް ހުރި މުބާރާތްތަކުގައި އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމުގައެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ބުނީ މި ޓީމު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓުތަކަށް ޒިޔާރަތްކޮށް، ޕެރާގެ ވަރަށް ގިނަ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި އެމިރިކާގައި ބާއްވާ "ޕޭން ގޭމްސް 2022" ގެ ބައެއް ތަމްރީނުތަކުގައި ބައިވެރިވެ، ޕެރާގެ މުބާރާތްތައް ހިނގާ ގޮތް ތަޖުރިބާ ކުރާނެ ކަމަށެވެ.
ތިން ހަފުތާގެ މިތަޖުރިބާ ދަތުރަކީ "ޔޫއެސް މިޝަން ޓު މޯލްޑިވްސް" މެދުވެރިކޮށް، ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ ފަރާތުން މޯލްޑިވްސް ޕެރަލިމްކް ކޮމިޓީއަށް ފަހިކޮށްދެއްވި ފުރުސަތެކެވެ.