ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓުގެ ގޮތުގައި 8.6 މިލިޔަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ އިތުރުން ކުރިއަށް އޮތް އަހަރުގެ ބަޖެޓުވެސް ފާސްކޮށްފައެވެ.
މާލީ ގޮތުން ގިނަ ގޮންޖެހުންތަކާއެކު އެފްއޭއެމް ހިންގަމުން އަންނައިރު، އެ އިދާރާއިން މި އަހަރުގެ ބަޖެޓެއްގެ ގޮތުަގައި ކަނޑައަޅާފައިވަނީ 88.9 މިލިޔަން ރުފިޔާއެވެ. އަދި މި އަހަރު އެފްއޭއެމަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 80.4 މިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ސްޕޮންސަރުންގެ އަތުންނެވެ.
ސްޕޮންސަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.7 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި 24.3 ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭއެފްސީން 6.2 މިލިއަން ލިބޭއިރު، ސަރުކާރުން އެފްއޭއެމަށް ދޭނެކަމަށް ބެލެވެނީ 3.7 މިލިޔަން ރުފިޔާއެވެ.
އެފްއޭއެމުން ހިނގާނެ ޚަރަދުގެ ގޮތުގައި 88.9 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ޚަރަދުވާނީ ޓުވާޑްސް ފިއުޗާ ޕޮރޮގްރާމަށެވެ. އެ ޕްރޮގްރާމަށް އެކަނިވެސް 29.3 މިލިއަން ޚަރަދުވާނެއެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ޚަރަދުތަކަށް 22.1 މިލިއަން ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
އެފްއޭއެމް ކޮންގްރެސްއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއަހަރަށް ކަނޑައެޅި ބަޖެޓަކީ 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ކަމުގައިވީ ނަމަވެސް އަހަރު ނިމޭއިރު މި ބަޖެޓު އަރަނި ބަޖެޓެއްގެ ގޮތުަގައި ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ގިނަ ކުލަބުތަކަކަުން ބައިވެރިވި އެފްއޭއެމުގެ ކޮންގްރެސްގައި ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދަރަނި އަދާކޮށްފިނަމަ ކޮންގްރެސްއަކާ ނުލައި އެފްއޭއެމް ހިންގާ ކޮމިޓީއަށް ސަސްޕެންޝަން އުވާލުމުގެ ބާރު ދީފައެވެ.