ކުޅިވަރު

އީގަލްސް ބަލިކޮށް ޕޮލިސް ފައިނަލަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކުލަބުން ހޯދައިފިއެވެ.

އަންގާރަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލުގެ ތިންވަނަ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީކުލަބު އީގަލްސްއާ ވާދަކޮށް 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ މެދުތެރެއިން ޕޮލިހުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-17 އިންނެވެ.

އެކަމަކު ދެވަނަ ސެޓުގައި އީގަލްސްއިން ވަނީ ޓީމެއްގެ ގޮތުގައި ކުޅެ ބޮޑު ލީޑެއް ނަގާފައެވެ. އަދި މި ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދިތަން ފެނިގެންދިޔައެވެ. އެގޮތުން ސާވިސްތަކެއް ބޭކާރުކޮށްލިއިރު، އީގަލްސް ޓީމުގެ ހަމަލާތައް އެންމެ އެކަށޭނެ ގޮތެއްގައި ރިސީވް ނުކުރެވިދިޔައެވެ. މި ސެޓު އީގަލްސްއިން ގެންދިޔައީ، 25-17 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ފަށައިގެން ޕޮލިހުން ވަނީ ހަތް ޕޮއިންޓުގެ ލީޑަކާއެކު ކުޅެފައެވެ. އެކަމަކު އީގަލްސްގެ އައިޝަތު ޝައްފަ އާއި ބިދޭސީ ކުޅުންތެރިޔާ ދިނޭޝާގެ ހަމަލާތަކާއެކު ފަރަގު ކުޑަކުރިއެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ 25-20 އިންނެވެ.

މި މެޗުގެ ހަތަރުވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސެޓުގެ ފަހުކުޅު އީގަލްސް ޓީމަށް ހެދުނު ގޯސްތަކާއެކު މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-20 އިންނެވެ.

މި ނަތީޖާއާއެކު ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރަން ޖެހޭނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި، ކުލަބު ވެމްކޯއާއެވެ. ފައިނަލަށް ވެމްކޯ ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ޕޮލިހުގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ.