ދުނިޔޭގެ ވިޔަފާރި

ސައޫދީން އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފި


ރަޝިއާއިން އުފައްދާ ތެޔޮ އެތެރެކުރުން ޔޫރަޕް އިއްތިޙާދުން މަނާކުރުމުން ތެލުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއާއިން އަނެއްކާވެސް ތެލުގެ އަގުބޮޑުކޮށްފިއެވެ.

ސައޫދީން ތެލުގެ އަގުބޮޑުކުރީ އޭޝިއާ އަށެވެ. މިއާއިއެކު ބެރެންޓް ތެޔޮ ފީފާއެއް މިހާރު ލިބެން ހުރީ ފީފާއެއް 120.95 އެމެރިކާ ޑޮލަރަށެވެ. ބެރެންޓް ފީފާއެއް މީގެކުރިން ހުރީ 119.61 އެމެރިކާ ޑޮލަރެށެވެ. ޑަބްލިޔުޓީއައިގެ ތެޔޮ ފީފާއެއް މީހާރު ހުރީ ފީފާއެއް 120.99 އެމެރިކާ ޑޮލަރަށެވެ. މިއަދަދު މީގެކުރިން ފީފާއެއް 118.55 އެމެރިކާ ޑޮލަރަށެވެ.

ސައޫދީން ތެލުގެ އަގުބޮޑުކުރިއިރު އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް ކަންޓްރީޒް (އޯޕެކް) އާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިން އަންނަ ޖުލައި މަހާއި އޯގަސްޓުމަހު ބާޒާރަށްނެރޭ ތެލުގެ މިންވަރު ދުވާލެއްގެ މައްޗަށް 648000 ފީފާ އިތުރުކުރަން މިދިޔަ ހަފްތާ ވަނީ އެއްބަސްވެފައެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިއާއިން އުފައްދާ ތެލުގެ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރަން ޔޫރަޕިއަން ޔޫނިއަނުން ނިންމުމާއި ގުޅިގެންނެވެ. ރަޝިއާއިން އުފައްދާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މަދުކުރުމަށް އީޔޫއިން ވަނީ މިދިޔަ ހޯމަދުވަހޫ ނިންމާފައެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ސަބަބުން ހުޅަނގުގެ ޤައުމުތަކާއި ހުޅަނގަށް ވާގިވެރިވާ ޤައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް އިޤްޠިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކަށް މިހާރު އޮތީ ރަޝިއާގެ ތެލަށް ޤައުމުތަކުން ބަރޯސާވާ މިންވަރު ދަށްކުރުމެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި އޯޕެކް ޕްލަސްއިން މީގެކުރިންވެސް ވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ.