ޚަބަރު

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހަށް


ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލު ކުރުމާއި، ޕާޓީތަކަށް ނިސްބަތްނުވާ އެފަދަ ޝައުގުވެރިކަމެއް ނެތް މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީގެވެ. މިމައްސަލައަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ވަކިކުރުމާއި ޕާޓީ ބަދަލު ކުރުން ތަކުރާރުކޮށް ހިނގަމުންދާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ބަލައި ދިނުމަށްއެދި ހުށަހެޅި މައްސަލައެކެވެ.

މިމައްސަލައަކީ މިހާރުވެސް ޢާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މިމައްސަލަ އެންމެ ބޮޑަށް ފެންމަތިވެގެންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދަށް ނޭގި ދާދިފަހުން އުފެއްދި އެމްއެންޕީގެ ރަޖިސްޓްރީ ކުރި ހިސާބުންނެނެވެ. މިމައްސަލަ މިހާރުވެސް ދަނީ ކަމާއި ގުޅުންހުރި އިދާރަތަކަށް ހުށަހަޅައިގެން ބަލަމުންނެވެ.

މިއަދު ހުށަހެޅި މައްސަލާގައިވެސް ޒިޔާޒުވަނީ އޭނާއަށް އެމްއެންޕީއަށް ވެއްދާފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. ޒިޔާދު ވިދާޅުވީ އޭނާ އެމްއެންޕީއަށް ވައްދާފައިވަނީ ޕާޓީތަކަށް ވެއްދުމަށް ފުރަންޖެހޭ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ބައެއް ފުރައި ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށެވެ.

"އަޅުގަނޑު ސޮއިކުރިކަމާއި، ފިންގާ ޕްރިންޓް ޖެހިކަމަށް ހެކިވާ ދެހެކިވެރިންގެ ނަންވެސް އެފޯމުގައި އެބައޮތް. މިމައްސަލަ ބަލަންޖެހޭ. މިހާބޮޑެތި އޮޅުވާލުން އޮޅުވާލުމަކީ މިނިޒާމަށް ކުރެވޭ ބޮޑު ބޭއެންސާފެއް. މިއީ އަޅުގަނޑުގެ ހައްގަށް އަރައިގަތުން. މިކަން ކަމާއި ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ." ޒިޔާދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، ސިޔާސީ ޕަޓީތަކަށް މެމްބަރުން ވެއްދޭނެ އުސޫލުތަކެއް އޮތް އިރު، މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ސިޔާސީ ޕާޓީތަކުގައިކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުންވެސް އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި މިހާރަށްވުރެއް ބޮޑަށް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.