ދުނިޔެ

ލުބުނާނުގެ ވަރުގަދަ އިންޒާރުތަކެއް އިސްރާޢީލަށް


މެޑިޓެރޭނިއަން ކަނޑުގެ ސަރަޙައްދަކަށް އިސްރާޢީލުގެ އުޅަނދެއް ވަނުމަކީ އެ ޤައުމާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުމާ އެއްފަދަ އަމަލެއްގެ ގޮތުގައި ސިފަކޮށް، އިސްރާޢީލަށް ވަރުގަދަ އިންޒާރުތަކެއް ލުބުނާނުން ދީފިއެވެ.

ލުބުނާނުގެ މި އިންޒާރު އައިސްފައި ވަނީ، އިސްރާޢީލުގެ ގޭސް ރައްކާކުރާ އުޅަނދެއް، ދެ ޤައުމުގެ ދެމެދުގައި މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަނޑުގެ ސަރަހައްދަކަށް ވަނުމާ ގުޅިގެންނެވެ.

އެ ސަރަހައްދުގެ ގޭސް ވަޅުތައް މިލްކުވެރިކޮށް، އެ ތަނުން ގޭސް އުފެއްދުމަށް ދެ ޤައުމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ލުބުނާނުގެ ރައީސް މިޝޭލް އޯން ވިދާޅުވީ، އިސްރާޢީލުން ކޮށްފައި ވަނީ ހަނގުރާމައިގެ އަމަލެއް ކަމަށާއި، އެ ކަމާ ދެކޮޅަށް އެ ޤައުމުން ފިޔަވަޅު އަޅާނެ ކަމުގައެވެ. އަދި، މި ކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ މި ކަން ހިނގައިދިޔަ ގޮތް ބެލުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައެވެ.

ނަމަވެސް، އެ ސަރަޙައްދަށް އިސްރާޢީލުގެ އުޅަނދެއް ވަތްކަން އެ ޤައުމުން ދޮގު ކުރެއެވެ. އިސްރާޢީލުން ބުނީ، އެ އުޅަނދު ހަރަކާތްތެރިވެފައި ވަނީ އެ ޤައުމުގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަމުގައެވެ. އަދި، އެ ޤައުމުގެ ހަކަތައާ ބެހޭ ވަޒީރު ކަރީނާ އެލްހާރާ ވަނީ، އެ އުޅަނދުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ގޮވައިލައްވާފައެވެ.

މިލްކުވެރިކަމާ މެދު ލުބުނާނާއި އިސްރާޢީލާ ދެމެދު ސުވާލު އުފެދިފައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައަށް ހައްލެއް ހޯދުމަށް، އެމެރިކާއިން އިސްވެ އޮވެ، މަސައްކަތް ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އިސްރާޢީލުގެ އަމަލުތައް ހުއްޓައިނުލުމުން، ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމުޢިއްޔާއެއް ކަމުގައިވާ ހިޒްބުالله އިން ވެސް ވަނީ އިސްރާޢީލަށް އިންޒާރު ދީފައެވެ.