ޚަބަރު

ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވަރަށް ކާމިޔާބު


ޖަލުގައި ތިބޭ ގައިދީން ރިހެބިލިޓޭޓްކުރުމާބެހޭ ތަމްރީން ދެއްވުމުގެ ތަފާތު 22 ކޯހެއް ފާއިތުވި ފަނަރަ މަސްދުވަހުގެ ތެރޭގައި މޯލްޑިވް ކަރެކްޝަނަލް ސާރވިސްއިން ވަނީ ހިންގަވާފައެވެ. މީގެ ނަތީޖާއަކީ، ޖަލު ބަލަހައްޓާ އޮފިސަރުންގެ ޕްރޮފެޝަނަލްކަން ކުރިއަރައި، އެ އޮފިސަރުންނާއެކު ޖަލުގެ އެކި ކަންކަން ކުރުމުގައި ގައިދީން ބައިވެރިވެ، ޖަލުގެ މާޙައުލު އަމާން މާޙައުލަކަށް ބަދަލުވެގެން ދިޔުމެވެ.  ޒަމާނުއްސުރެ ޖަލު ހިންގަމުން އައި އުޞޫލަށް ބަދަލުގެންނަވައި، ފާއިތުވި ފަނަރަ މަސްދުވަހުގެ ތެރޭގައި ވަނީ ތަފާތު ކަންތައްތަކެއް ތަޢާރަފް ކުރައްވާފައިވެއެވެ. އެގޮތުން ޖަލުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރައްވައި ފަސޭހަކުރެއްވުމަށް އޮނިގަނޑެއް ވަނީ ތަޢާރަފް ކުރައްވާފައެވެ. އަދި އެ އޮނިގަނޑުގެ ދަށުން އެތާނގެ ހުރިހާ އޮފިސަރުންނަކީ ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ތަމްރީންތަކެއް ފުރިހަމަކޮށްފައި ތިބޭ ބަޔަކަށް ވަނީ ހައްދަވާފައެވެ. މިއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސިވިލް ސާރވިސް 20 މުވައްޒަފަކުވެސް ޖަލު ބެލެހެއްޓުމުގެ ޕްރޮފެޝަނަލް ތަމްރީނުތައް ނިންމައި، އޮފިސަރުން ސަފުތެރޭގައި ހިމެނިގެން ދިޔައީ، މިދިޔަ ހަފްތާތެރޭގައެވެ. މީގެ އިތުރުންވެސް އޮފިސަރުންނަށް ޕްރޮމޯޝަން ދެއްވުމާއި، ޖަލުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން ހުރިހާ ޖަލަކަށް މެނުއަލެއް ހައްދަވައި، އެ މެނުއަލްގެ ދަށުން ޖަލުތައް ހިންގަވަން މިހާރު ވަނީ ފަށްޓަވާފައެވެ.މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރައްވާ މި މަސައްކަތްތަކުގެ ތެރެއިން އެތާނގެ ވެރިން އެންމެ ބޮޑަށް ފާހަގަކުރައްވާ އެއްކަމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓް އައިކޮސްޓްގެ މަސައްކަތެވެ. އައިކޮސްޓްގެ ދަށުން އޮފިސަރުންނާއި ގައިދީންނަށް ތަޢުލީމާއި ތަމްރީނުގެ ފަހި ފުރުޞަތުތަކެއް ވަނީ ހުޅުއްވާލައްވާފައެވެ. އެތަނުން މިހާރު އެމްކިއުއޭ ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދަވާއިރު، ދެން އަމާޒު ހިފާފައި ވަނީ، ދުނިޔެ ގަބޫލުކުރާ ސެޓްފިކެޓްގެ ކޯސްތަކަށްކަން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 1 ފުރިހަމަކުރި 20 އޮފިސަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެކޮމޮޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ފާހަގަ ކުރެއްވިއެވެ. މި ކޯސްތަކުގެ ސަބަބުން ޖަލުގެ މާޙައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޖަލުގެ އޮފިސަރުންވެސް ފާހަގަކުރައްވައެވެ. އަދި ޚާއްޞަކޮށް ޖަލުގައި ތިބޭ ގައިދީންނަށް މި ކަންކަމުން ފައިދާ ކުރަމުންދާ ކަމަށާއި، މިއީ، އެ މީހުންވެސް އެދިއެދި ތިބި ކަމެއްކަން ގައިދީންނާ ވާހަކަ ދައްކާލުމުން އެނގިގެންދިޔައެވެ. އަދި ކުރިއާ އަޅާބަލާއިރު ޖަލުގެ މާޙައުލު ތަފާތުކަން ޚުދު ޤައިދީންވެސް ޤަބޫލްކުރެއެވެ. މި ބަދަލުތަކާއެކު، ޖަލަކީ، މިހާރު ރައްޔިތުންނަށް ސިފަކުރައްވާފަދަ އަނިޔާވެރި ތަނެއް ނޫންކަމާއި، އެއީ، މިހާރު އެއަށްވުރެ އަމާން މާހައުލެއްގެ ގޮތުގައި، ކަމިޝަނަރ އޮފް ޕްރިޒަންސް ސިފަކުރެއްވިއެވެ. އޭނާ މިކަން ފާހަގަކުރައްވާފައިވަނީ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 1 ގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމުގެ ރަސްމިއްޔާތުގައި ހުކުރުދުވަހުގެރެއެވެ.މިދިޔަ އަހަރު އޮފިސަރުން ތަމްރީނު ކުރެއްވުމުގެ ތަފާތު، 10 ކޯހެއް ކަރެކްޝަނަލް ސާރިވިސްއިން ހިންގަވާފައިވެއެވެ. ކުށްވެރިންނާއި، ޤައިދީންނަށް އަމާޒުކޮށްގެން އެމް.ކިއު.އޭ ފެންވަރުގެ 5 ކޯހެއް މިހާރުވެސް އައިކޮސްޓުން ހިންގަވައެވެ. މީގެ އިތުރުންވެސް އިތުރު ކޯސްތަކެއް މިއަހަރު ތަޢާރަފް ކުރެއްވުމަށް ވަނީ ނިންމަވާފައި. މުޅި ސިސްޓަމް ތެރޭގައި ގާތްގަނޑަކަށް ދެހާސް ވަރަކަށް ޤައިދީން ތިބިއިރު، މާފުށީ ޖަލުގައި، ގާތްގަނޑަކަށް 800 ވަރަކަށް ގައިދީން ތިބޭ ކަމަށް ކަރެކްޝަނަލް ސާރވިސްއިން މައުލޫމާތު ދެއްވައެވެ.