ޚަބަރު

ޙައްޖުގެ އަޅުކަމަށް އާއްމުންނަށް ޚާއްސަކުރި 100 ޖާގައަށް މީހުން ހޮވައިފި


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބުނު ކޯޓާގެ ތެރެއިން އާމުންނަށް ޚާއްސަކޮށްފައިވާ 100 ޖާގައަށް މީހުން ހޮވައިފިއެވެ.

100 މީހުން ހޮވުމަށް ބޭއްވި ގުރުއަތު ނެގުން ބާއްވާފައިވަނީ މިއަދުއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އައްމުކޮށް ހުޅުވައިލައިގެން ވަނީ މީހުން ހޮވާފައެވެ.

ޙައްޖަށް ދިއުމަށް އެދުމުގެ ފުރުޞަތު މިދިޔަ މަހު ހުޅުވާލުމާއެކު ޖުމުލަ 897 މީހުން ވަނީ ގުރުއަތުގައި ބައިވެރިވެފައެވެ. އެއީ އެކެއްގެ ކެޓަގަރީން 265 މީހުންނާއި ދެ މީހުންގެ ކެޓަގަރީން 632 މީހުނެނެވެ. މި ގުރުއަތުގައި ބައިވެރިވި މީހުންގެ ތެރެއިން 100 މީހުން މިހާރު ވަނީ ހޮވާފައެވެ. މީގެ އިތުރަށް ވެއިޓިންގ ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ވެސް ވަނީ ހޮވާފައެވެ. ވެއިޓިން ކިއުއަށް ޖުމުލަ 797 މީހަކު ވަނީ ބައިވެރިވެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ގުރުއަތުން ހޮވުނު މީހުން މިރެއިން ފެށިގެން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި އެއަށްފަހު ގުރުއަތުން ހޮވުނު މީހުންނަށް ގުޅައި ޙައްޖަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަންއަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ގެނައުމަށާއި ފައިސާ ދެއްކުމަށް އަންގަމުން ދާނެކަމަށެވެ.

އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް 100 ޖާގަ އޮތްއިރު މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76960 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ކޯޓާގެ ދަށުން ޙައްޖަށް ގެންދާ މީހުންނަކީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި މިމަހުގެ 15އަށް އުމުރުން 65 އަހަރު ފުރިފައި ނުވާ މީހަކަށް ވާންޖެހޭނެކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ދެބޭފުޅުންގެ ކެޓަގަރީއަށް ހޮވާފައިވާ މީހުންނަކީވެސް އުމުރުން 45 އަހަރު ނުފުރޭ އަންހެނުންނާއި ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ މީހުންނެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިމަހުގެ 26ވަނަ ދުވަހު ފުރާނެކަމަށެވެ.