ދުނިޔެ

ކޮންޓެއިނަރު ގުދަނެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވައިނުލެވޭ


ބަންގްލަދޭޝްގެ ސިޓަކުންޑާގެ ކޮންޓެއިނަރ ގުދަން ކުރާ ސަރަޙައްދެއްގައި މީގެ ތިން ދުވަސް ކުރިން ރޯވި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް އަދި ވެސް ކުރިއަށް އެބަދެއެވެ.

ސިޓަކުންޑާއަކީ ބަންގްލަދޭޝްގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ޗިޓެގޮންގ އާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެ ރަށުގެ ކޮންޓެއިނަރ ގުދަން ކުރާ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މީހުންގެ އަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ.

ޗިޓެގޮންގގެ އަލިފާން ނިއްވާ އިދާރާގެ އިސްވެރިޔާ އަނީސުރް ރަޙްމާން ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ، އެ ތަނުގައި ހުރި ކޮންޓެރިނަރ ތަކެއްގެ ތެރޭގައި ގުދަންކޮށްފައި ހުރި ކެމިކަލްތަކެއްގައި ރޯވެފައި ވުމުގެ ސަބަބުން ކަމުގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ޤައުމުގެ ސިފައިން ވެސް މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި 49 މީހުން މަރުވިއެވެ. ނަމަވެސް، އެ އަދަދު މިހާރު ވަނީ 41 އަށް ދަށްކޮށްފައެވެ. އަދި، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އެ ޤައުމުގެ އޮފިޝަލުން އަންދާޒާ ކުރެއެވެ. މި ހާދިސާގައި އިތުރު 200 މީހަކަށް އަނިޔާވެފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ނުވަ މީހެއް ހިމެނެއެވެ.

ކޮންޓެއިނަރ ގުދަން ކުރާ ސަރަހައްދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ އިރު، އެ ކަން ތަހުޤީޤު ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގައި އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައިވާ މުދާ ގުދަންކޮށްފައިވާ 800 ކޮންޓެއިނަރާއި، އިމްޕޯޓްކޮށްފައިވާ މުދަލާ އެކު ހުރި 500 ކޮންޓެއިނަރާއި، ހުސް 3,000 ކޮންޓެއިރު ހުއްޓެވެ.

ބަންގްލަދޭޝްއަކީ ފޭރާން އުފައްދާ އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ނަމަވެސް، އެ ޤައުމުގެ ކާރުޚާނާތަކާއި ގުދަންތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުންނަނީ އެންމެ އެކަށީގެންވާ މިންވަރަކަށް ނޫން ކަމުގައި ބުނެ، މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޗިޓެގޮންގގެ ކޮންޓެއިނަރ ގުދަންކުރާ އެހެން ސަރަހައްދެއްގައި 2020 ވަނަ އަހަރު ބާރުގަދަ އެއްޗެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ވެސް ތިން މީހަކު ވަނީ މަރުވެފައެވެ. އަދި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 54 މީހަކު މަރުވިއެވެ.