ޚަބަރު

އަހަރު ނިމޭއިރު ކޯވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުމުގެ މިސްރާބަށް!


ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްޙީ އަދި ހަނގުރާމައިގެ ކާރިޘާތަކުގެ ސަބަބުން މިދުވަސްވަރު މުޅި ދުނިޔެއަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

2019ވަނަ އަހަރު ނިމި 2020ވަނަ އަހަރު ފެށުނުތަނާހެން ދުނިޔެ ކުރިމަތިލީ ކޯވިޑް ކާރިޘާއާއެވެ. މިކާރިޘާ ވެގެން ގޮސްފައިވަނީ ސިއްޙީ ކާރިޘާއެއްގެ އިތުރުން އިގްތިސާދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުންވެސް ދުނިޔެ ކުރިމަތިލާންޖެހުނު ބޮޑު ކާރިޘާއަކަށެވެ. މިގޮތުން ކޯވިޑް-19ގެ އާލަމީ ވަބާއާ، ކުރަން ޖެހުނު ހަގުރާމަ ވެގެންދިޔައީ ކުޑައެއް ބޮޑެއް، މުއްސަދި ގައުމެއް ފަގީރު ގައުމެއް ތަފާތުވުމެއް ނެތި، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެކާރިޘާއަކާ ކުރިމަތިލާންޖެހި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެގެންދިޔަ ކަމަކަށެވެ.

ކޯވިޑުން ދުނިޔެއަށް ކިރިޔާ އަރައިގަނެވުނުތަނާ ކަހަލަ ގޮތަކަށް، މިއަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އަރާ، ކުރަންފެށި ހަނގުރާމައިގެ ގޯސް ނަތީޖާއާ ދުނިޔެ ކުރިމަތިލާންޖެހުނެވެ. މި ހަނގުރާމައިގެ އަސަރު މިހާރުވަނީ މުޅި ދުނިޔޭގެ އިގްތިސާދަށް ކުރަން ފަށާފައެވެ. މީގެ ތެރޭގައި ތެލުގެ އަގު ބޮޑުވެގެން ދިއުމާގުޅިގެން ދުނިޔޭގެ ދަތުރު ފަތުރުގެ އަގުތަކަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކާއި، އަދި އޭގެ އިތުރުން، ދުނިޔެއަށް ބޭނުންވާ ކާބޯތަކެއްޗަށް ކުރިމަތިވާ ދަތިތަކާ ގުޅިގެން، ތަކެތީގެ އަގުތައްވެސް އިންތިހާއަށް އުފުލިގެން ދާދިއުން ހިމެނެއެވެ.

ކޯވިޑްގެ ކުރިން އޮތް ހާލަތަށް އަލުން ރުޖޫޢަވުމަށް ކުރެވޭ މަސައްކަތް:

އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހި ސަރުކަރުން ވަނީ ދުރުރާސްތާ ޕްލޭންތަކެއް އެކުލަވާލާފައެވެ. ބޯޑަރު ބަންދުކޮށް، އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ފަރާތްތަކަށް ލިބުނު ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުންވަނީ، މާލީ އެހީތެރިކަން ފޯރުކޮށްދީ އިޤްތިޞާދު ކޮޅަަށް ޖެހުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ކޯވިޑާއި ރާއްޖެ ކުރިމަތިލީއިރު އޮތް ހާލަތަށް ރާއްޖޭގެ އިޤްތިޞާދު އަލުން އަބުރާ ގެންދިއުމަށެވެ.

ރާއްޖެއަށް އެންމެ ބޮޑު ޢާމްދަނީއެއް ވަންނަ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ދަނީ މިހާރުވެސް ހޯދަމުންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށް ވުރެގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %55 އިތުރު އަދަދެކެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓަކަށް ނުދާނެ:

މާލީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް މިއީ އެއްވެސް ހަގީތެއްނެތް ވާހަތަކެއްކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ހިސާބުތަކުން ދައްކަވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއާ އަޅާބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައިކަމަށެވެ. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިމާވާ ގޮންޖެހުންތަކާމެދު ހަރުދަނާ ފިޔަވަޅު އަޅުއްވަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މި އަހަރު ނިމޭއިރު ކޯވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޯވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ." މިނިސްޓަރ އަމީރު ވިދާޅުވެފައިވެއެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ޚާއްސަކޮށް ތެލުގެ އަގުގެ ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީވަނީ އިތުރުވެފައެވެ. ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ 175މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ދައްކަން ޖެހޭ ދަރަނިތައް ދެއްކުމުގެ ޔަގީންކަން ކަށަވަރު ކުރުމަށެވެ. މިކަމަށްޓަކައި، 2021ވަނަ އަހަރު ސަރުކާރުން ސުކޫކު ވިއްކުމުގައި ލައިބިލިޓީ މެނޭޖްމަންޓު އެކްސަރސައިޒެއް ހިންގުމަށްފަހު މިހާރުވަނީ ދަރަނި ރީ-ސްޓްރަކްޗަރ ކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދަރަނި ދެން އެންމެ ބޮޑަށް އުފުލިގެންދާނީ 2026ވަނަ އަހަރުކަމަށެވެ. އަދި އެހާތަނަށްވެސް ދަރަނި މެނޭޖްކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށާ، އެހެން ނަމަވެސް ކައިރި މުސްތަޤްބަލުގައި ރާއްޖެއަށް ދަރަނި ދެއްކުމުގައި އެއްވެސް ރިސްކެއް ނެތްކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރު:

ދުނިޔޭގެ މަސްރަހުގައި އޮތް ގޮންޖެހުންތަކާއި ނިޒާމީ ބަލިކަށިކަމާއެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަނީ ރަނގަޅު މިސްރާބަކަށް ކަމުގައި ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާ ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިޤްތިޞާދީ އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު %7.6ގައި ކުރިއަރާނެކަމަށެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2023ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މެދުރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދަވާނެކަމަށް ލަފާކުރެވޭއިރު، 2023ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ބޮދެތި ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ޤައުމަކީ ރާއްޖެކަން ގަބޫލުކޮށް، ސަރުކާރުން އަންނަނީ މިކަމަށް ޚާއްސަ ފިޔަވަޅު ތަކެއް އަޅުއްވަމުންނެވެ. އެގޮތުން ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކަށް ބަދަލު ގެނައުމާއި، ސަރުކާރުން ކުރާ އެކި ޚަރަދުތައް ވީހާވެސް ކުޑަކުރެވޭނެ އިންޒާމުދަނީ ހަމަޖައްސަވަމުންނެވެ.

މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ކޯވިޑަށްފަހު އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަކީ ކޯވިޑްގެ ހާލަތުގައި ރައްޔިތުންނާއި އިޤްތިޞާދު ސަލާމަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ.