ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބުރު ސްޕޯޓްސް ކުލަބުން އެ ޓީމުގެ ކޯޗަކަށް ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އާފިއު މުޙައްމަދު ހަމަޖައްސައި، ފަރިތަކުރުންތައް ފަށައިފިއެވެ.
ދެވަނަ ޑިވިޝަނަށް ބުރު ސްޕޯޓްސް ޕްރޮމޯޓުވީ މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ އެއްވެސް މެޗަކުން ބުރު ސްޕޯޓްސް ބަލިވެފައިނުވާއިރު، އެ ޓީމުން ވަނީ ރިކޯޑު އަދަދަކަށް ލަނޑު ޖަހާފައެވެ.
ބުރު ސްޕޯޓްސްގެ ކޯޗަކަށް ހަމަޖެއްސި އާފިއު ހަމަޖެއްސިއިރު، އެ ޓީމުގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި އަފީއުއަށް އެހީތެރިކަން ފޯރުކޮށްދޭނީ އޭނާއާއެކު ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބުގައި މަސައްކަތްކުރި އަޙްމަދު އަހުސަން (ބަރޯ) އެވެ.
ބުރު ސްޕޯޓްސްއިން ދެވަނަ ޑިވިޝަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ޓީމުގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން ކުޅުނު ކުޅުންތެރިންނާއި، ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަނުގައި ތަފާތު ދައްކާފައިވާ ކުޅުންތެރިންގެ އިތުރުން، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި މީގެ ކުރިން ފުރަތަމަ ޑިވިޝަނުން ފާހަގަވި، އިބްރާހީމް މުބީން (މުއްކި) އާއި، އަބްދުﷲ އަރުޝާންގެ އިތުރުން މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުޙައްމަދު ތަސްމީން (ތައްތި) ހިމެނެއެވެ.
މީގެ އިތުރުން ބުރު ސްޕޯޓްސްއިން ވަނީ އެ ޓީމުގެ ސްކޮޑުގައި ބޭރު ހަތަރު ކުޅުންތެރިން ހިމަނާނެކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިއެއްގެ އިތުރުން ބްރެޒިލްގެ ދެ ކުޅުންތެރިއަކު ހިމެނެއެވެ. އަދި އުޒްބެކިސްތާނުގެ ޕްރޯ ލީގުގައި މިހާރު ކުޅެމުން އަންނަ ކުޅުންތެރިއެއްވެސް ހިމެނެއެވެ.
ބުރު ސްޕޯޓްސްއިން ބުނީ ވަރުގަދަ ސްކޮޑަކާއެކު އެ ކުލަބުން އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތައް ނުކުންނަނީ، ފުރަތަމަ ޑިވިޝަނަށް އަމާޒު ހިފައިގެން ކަމަށެވެ. އަދި މި ވަގުތު އޮތް ސްކޮޑާއެކު އެކަން ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެ ކުލަބުން ބުނެއެވެ. މި ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.