މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ސަރަހައްދުގެ ޕްލޭއޮފް ފައިނަލުގައި ޔޫކްރެއިން ބަލިކޮށް 64 އަހަރަށްފަހު ވޭލްސް މުބާރާތަށް ކޮލިފައިވެއްޖެއެވެ.
ވޭލްސްގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު 64 އަހަރަށްފަހު ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެ ގައުމު އެންމެ ފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 1958 ވަނަ އަހަރެވެ.
ރޭ ކުޅުނު މެޗުގައި ޔުކްރެއިނުން ގިނަ ހަމަލާ އުފެއްދި ނަމަވެސް، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ޔޫކްރެއިންގެ ފޯވާޑް އެންޑީ ޔާމޮލަންކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މެޗުގެ 33 ވަނަ މިނެޓުގައި ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ފޮނުވާލި ހިލޭޖެހުމެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ޔާމޮލަންކޯގެ ބޮލުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭގެ ނާކާމިޔާބީއާއެކު ޔޫކްރެއިން ވޯލްޑް ކަޕަށް ކޮލިފައިނުވެ ކެޓިއިރު، އެ ޓީމު ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ސްކޮޓްލަންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މީގެ އިތުރުން ރޭގެ މޮޅާއެކު ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ މުބާރާތުގައި ވޭލްސް ވާދަކުރާނީ ގްރޫޕް ބީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިންގްލެންޑާއި، އީރާން އަދި އެމެރިކާއެވެ.