ޚަބަރު

މިއަހަރު ނިމުމުގެ ކުރިން 8 އަތޮޅެއްގައި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ގޮފިތައް ގާއިމްކުރަނީ


މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 8 އަތޮޅެއްގައި ލޭބަރ ރިލޭޝަން އޮތޯރިޓީގެ ގޮފިތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. ބ.އަތޮޅުގައި އެއޮތޯރިޓީގެ ގޮފި ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ލޭބަރ ރިލޭޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ހޫދު އައްބާސް ވިދާޅުވީ ބަޖެޓް ތަންދޭ މިންވަރަކުން 8 އަތޮޅަށްވުރެ ގިނަ އަތޮޅުތަކުގައިވެސް މިއަހަރު މިޚިދުމަތް ދޭން ފެށިދާނެކަމަށެވެ.

ވަޒީފާއާ ގުޅޭ މައްސަލަތައް ހުށައެޅޭ މިންވަރު އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. ހޫދު އައްބާސްސް ވިދާޅުވީ އަތޮޅު ތެރޭގައި ގޮފިތައް ޤާއިމް ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އެއްގޮތައް ރައްޔިތުންނަށް ގާތުން މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މިފަދަ މައްސަލަތައް ބެލުން އަވަސް ކުރުންކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ބެލުމުގެ ދަށުން ފޯރުކޮށްދޭ މިޚިދުމަތް ފުޅާކުރުމަށް ސަރުކާރާއި ކައުންސިލްތަކުން ދެއްވާ އެއްބާރުލުމަށް އެ އޮތޯރިޓީންވަނީ ޝުކުރު އަދާކޮށްފައެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޚިދުމަތް މިހާރު ލިބެނީ މާލޭގައި ހުންނަ މައި އޮފީހުން އެކަންޏެވެ. އެހެންނަމަވެސް މިހާރުވަނީ ބ.އަތޮޅާއި، ށ.އަތޮޅާ، ރ އަތޮޅު ކައުންސިލްތަކާއެކު އެއޮތޯރިޓީގެ ގޮފިތައް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިހާރު ކުރަމުންދަނީ މުވައްޒަފުން ހޯދުމުގެ މަސައްކަތެވެ. މުވައްޒަފުން ތަމްރީންކޮށް ނިމި ކުރިއަށް މިއޮތް ތިންމަސްތެރޭގައި ޚިދުމަތް ދޭން ފެށޭނެކަމަށް ހޫދު އައްބާސް ވިދާޅުވިއެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން ބަލަނީ ވަޒީފާއާ ގުޅޭގޮތުން ހުށައެޅޭ އެކިއެކި މައްސަލަތަކެވެ. އަތޮޅު ތެރޭގައި ގޮފިތައް ޤާއިމްކުރުމުން އަތޮޅުތެރޭގެ މިފަދަ މައްސަލަތައް ބަލާނީ އެއަތޮޅެއްގައި ޤާއިމްވެފައި ހުންނަ ލޭބާރ ރިލޭޝަން ޑެސްކުން ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.