ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ޓީސީ ސްޕޯޓްސް ކުލަބުން ކަށަވަރުކުރިއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ސަސްގެ މައްޗަށް ޓީސީ ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 23 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސަސްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޒާން ހަސަނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މާކިން އިބްރާހީމެވެ. އަދި މި މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫސުފް އާއިޝްއެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގައި ހިމެނޭ ޓީސީ ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކުގައެވެ. އަދި ޓީސީ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައެވެ.
މީގެ އިތުރުން މި މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ޔޫވީ ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަލްތަފް އަޒީމެވެ. އެކަމަކު މާޒިޔާއިން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާޝިއު އަޙްމަދު ޝިހާމެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޔޫވީން އަލުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަޒްލާނެވެ. އަދި ޔޫވީގެ ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޒްލާނެވެ.
މި މެޗުން ގްރޫޕް އޭގައި ހިމެނޭ މާޒިޔާ ބަލިވިއިރު، އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައެވެ. އަދި މިއީ މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން ޔޫވީ މޮޅުވި ފުރަތަމަ މެޗެވެ.
މި ފަހަރުގެ މުބާރާތުގައި މީގެ ކުރިން އަށް ޓީމު ބައިވެރިވެފައިވީ ނަމަވެސް، މުބާރާތުގައި ބައިވެރިނުވާން ކުލަބު ގްރީން ސްޓްރީޓްސްއިން ފަހުން ވަނީ ނިންމާފައެވެ. 16 އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޯބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، ސައުދީ އާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި އޮތީ އިންޑިއާ އާއި، މިޔަންމާ އަދި ކުވޭތެވެ.