ޚަބަރު

ރާނީގެ "ޕްލެޓިނަމް ޖުބިލީ" ފާހަގަކުރުމަށް ބޭއްވި ޕެރޭޑްގައި ދިވެހި ސިފައިން


އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ 2 އިން 5 އަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު، ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ 3 ކިލޯމީޓަރު ރޫޓެއްގެ ޕޭޖެންޓްގައި ބައިވެރިވެފައެވެ. ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި، ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އާއި ސާޖަންޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ގޮސްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.

ކުއީން އެލިޒަބަތު ސެކަންޑް އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެވަޑައިގަތީ 1952 ވަނަ އަހަރުގެ ފެބުރުއަރީ މަހު، އުމުރުފުޅުން 25 އަހަރުފުޅުގައެވެ.