ޚަބަރު

ކަރެކްޝަންގެ "މިޑްލް މެނޭޖަރސް ރިފްރެޝަރ" ޕްރޮގްރާމް ފަށައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށް "މިޑްލް މެނޭޖަރސް ރިފްރެޝަރ" ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

މިމަހުގެ 4 އިން 8 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ސްޓާފް ސާޖަންޓް ރޭންކުން ފެށިގެން ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކްގެ 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މާފުށީ ޖަލުގެ ހެޑް އޮފް ފީމޭލް ޕްރިޒަން ކޮމާންޑް ޗީފް ޕްރިޒަން އޮފިސަރ އައިޝަތު ރިއުޒާ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކުގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ އެ ކަމަށް ޤާބިލް އަދި ވަޒީފާގެ ވާޖިބްތަކަށާއި މަސްޢޫލިއްޔަތުތައް އަދާކުރާ އޮފިސަރުންތަކެއް ކަމަށެވެ. އަދި ޖަލުގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ އޮފިސަރުންގެ ކުރިއެރުމަށް ވިސްނައި، އަބަދުވެސް ތަޢުލީމާއި ތަމްރީނަކީ މުހިއްމު އެއްޗެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިފަދަ ތަމްރީންތަކަކީ އަބަދުވެސް މި މުއައްސަސާގެ އޮފިސަރުންގެ ކުރިއެރުމަށް އައިކޯސްޓުން ކުރަށްވާ އަގުހުރި މަސައްކަތްތަކެއްކަން ހުރިހާ އޮފިސަރުންވެސް ޤަބޫލްކުރައްވަންޖެހޭކަމަށް ސީޕީއޯ ރިއުޒާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖައާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޚުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުންނެވެ.

މިޕްރޮގްރާމުގައި ލީޑަރޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، އެތިކްސް އެންޑް ގޯލް ސެޓިންގ، ސްވިމިންގ އާއި ފުޓް ޑްރިލް، އިންވެސްޓިގޭޝަން އެންޑް ޕްރޮބްލަމް ސޯލްވިންގ އަދި މެނޭޖީރިއަލް ޕްރޮފައިލް ފަދަ މޮޑިއުލްތަކުގެ އިތުރުން ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމާއި ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗަރ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗަރ މުވާހަދާތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވާދިނުމަށް ވަނީ ހަމަޖެހިފައެވެ.