ޚަބަރު

ތަރައްޤީގެ ކަންކަމާއި ގުޅޭ މުހިންމު މަޝްވަރާތަކަކަށް މިނިސްޓަރ ޝާހިދު ސަޢުދީއަށް


ރާއްޖޭގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު ސަޢުދީ އަރަބިއްޔާއަށް ކުރައްވާ މިދަތުރުފުޅަކީ، އެޤައުމުގެ ފޮރިން މިނިސްޓަރ އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާއްސަ ސިޓީ ފުޅެއް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ސަޢުދީގެ އެހީގައި ކުރިއަށް ގެންދެވިފައިވާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ސައުދީގެ އެހީތެރިކަން ހޯދުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ފޮރިން މިނސިްޓްރީގެ އިސްބޭފުޅުންގެ ޓީމެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ އަރަބިއްޔާއިން އަންނަނީ ޒަމާނުއްސުރެ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.