ޚަބަރު

ފ.މަގޫދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އަންނަ މަހު ތައްޔާރުވަނީ


ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓްތެރޭގައި ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމަކީ ސަރުކާރުގެ ވަޢުދެކެވެ. ވަށައިގެން ކަނޑު އޮތުމާއެކު ދުރު ހިސާބުތަކަށް ދިއުމަށް ކަނޑުދަތުރަށް ބަރޯސާވުމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫނެވެ.

މުލީގައި ތަރައްޤީކުރާ އެއަރޕޯޓާއެކު 30މިނެޓްތެރޭ އެއަރޕޯޓް އޮންނަ ރަށަކަށް ދިއުމުގެ ވަޢުދަށް ވާސިލްވެވޭނެއެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް ވައިގެ ދަތުރުގެ ޚިދުމަތްތައް ޤާއިމު ނުވެހުރި ވަރަށް ގިނަ ސަރަޙައްދުތައް އެބަހުއްޓެވެ.
---
މިގޮތަށް ފާހަގަކުރެވޭ 6 ސަރަޙައްދެއްގައި އެއަރޕޯޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިޢުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މި މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް، މިދިޔަ ހަފްތާގައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. މިނިސްޓަރ ވަނީ މި ޕްރޮޖެކްޓަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.

އެގޮތުން މި ޕްރޮޖެކްޓްގައި ހިމެނޭ މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަންނަ ޖުލައިމަހުގެ ތެރޭގައި އެމްޓީސީސީއަށް ގެންނަ އާ ޑްރެޖަރުތަކާއެކު، އެންމެ ފުރަތަމަ ފަށާ އެއް މަސައްކަތަކަށް މަގޫދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ވާނެކަމަށެވެ.

މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށްވެސް ހަވާލުކުރާނީ އެމްޓީސީސީއާ ކަމަށާއި އެކަމުގެ މަޝްވަރާތައްވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ އަގުތައް ހަމަޖެހުނުހާ އަވަހަކަށް، ފިނޭންސް މިނިސްޓްރީއަށް ހުށައަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ބިލެއްފަހީގައި އެއަރޕޯޓް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތްތައްވެސް އެކި މަރުހަލާތަކުގައި ފަށާފައިވާ ކަމަށެވެ. މިޕްރޮޖެކްޓްވެސް ކުރިއަށްގެންދަން ޖެހެނީ ބިން ހިއްކައިގެންނެވެ. މިހާތަނަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި ޕްރޮޖެކްޓްގެ ޑިޒައިނާއި، އަދި އަގުތަކާއި ގުޅޭ މަޢުލޫމާތުތައް މިހާރު އެއްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ 1200މީޓަރުގެ ރަންވޭއެއް. ޕްރޮޖެކްޓް ޑިޒައިންކޮށްވަނީ ނިމިފައި. ފުރަތަމަ ކުރިއަށް ގެންދަންޖެހޭނީ ބިން ހިއްކާ ހިމާޔަތް ކުރުން. މިޕްރޮޖެކްޓްގެ އަގަކީ 23މިލިއަން ޑޮލަރު. މިހާރު މިއޮތީ ޕްރޮޖެކްޓްގެ ކުޑަބޮޑުމިން އަންދާޒާ ކުރެވިފައި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި 6 އެއަރޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން 5 އެއަރޕޯޓަކީ ކްރޮސް ސަބްސިޑީ މޮޑެލްއަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. މިހާތަނަށް މި މަޝްރޫޢު ކުރިއަށްގެންދިއުމަށް 12 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މީގެތެރެއިން މަސައްކަތްތައް ހަވާލުކުރެވޭނީ ޤާބިލުކަން ހުރި ކުންފުނިތަކަށް ކަމަށާއި، މިކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި 6 އެއަރޕޯޓްގެ މަޝްރޫޢަށް 133.9 މިލިއަން ޑޮލަރު ހޭދަވާނެއެވެ.