ޚަބަރު

1 މިލިއަން ޑޮލަރުގެ ޗެކާއި ހަވާލުވިން- ޒިޔަތު


މާލެއަތޮޅު ފަޅެއް އަމިއްލަ ކުންފުންޏަކަށް ދޫކުރުމަށްފަހު ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެވަޑައިގެންނެވި ނަމަވެސް އެ ފައިސާއަށް ޚިޔާނާތްތެރި ވެވަޑައިގެންފައި ނުވާނޭކަމަށް އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތު މިއަދު ކޯޓްގައި ވިދާޅުވެއްޖެއެވެ. ޒިޔަތު މިހެން ވިދާޅުވީ ދައުލަތުން އެނާއާ ދެކޮޅަށް އުފުއްލަވާފައިވާ ޚިޔާނާތުގެ ކުށުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައެވެ. ދައުލަތުން އުފުއްލަވާފައިވާ ދައުވާއަށް ޒިޔަތު އިންކާރުކުރެއްވި ނަމަވެސް އެކަމާބެހޭ ގޮތުން މިއަދުގެ މަޖިލީހުގައި އެނާ ވާހަކަ ދައްކަވާފައެއްނުވެއެވެ.  މިއަދުގެ އަޑުއެހުމުގައި ޒިޔަތުގެ ފަރާތްޕުޅުން އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ވިދާޅުވެ އިޖްރާއީ ނުކުތާއެއް ނަގާފައިވެއެވެ. އެގޮތުން މި މަފަދަ މައްސަލަތަކުގައި ތަޙްޤީގުކުރުމަށް ފުލުހުންނަށް އަންގަވަން ޖެހޭނީ ދައުލަތުގެ ބަންޑާރަ ނާއިބްކަމަށް މާލިއްޔަތާބެހޭ ގާނޫނުގައި ބުނެފައިވާކަމަށް ޒިޔަތުގެ ފަރާތްޕުޅުން ހުށައެޅުއްވި ނުކުތާގައިވެއެވެ. މި ނުކުތާއަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ފުލުހުން މި މައްސަލަ ތަހްގީގް ކުރައްވާފައިވަނީ ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުންކަމަށެވެ. އަދި މާލިއްޔަތުގެ ގާނޫނުގައި އެ ބުނާ މައްދާއަކީ މިހާރު ޢަމަލުކުރާ މާއްދާއެއް ނޫންކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ކަންފަތް ބައްވުމުގެ މައްސަލަ ކުރިމަތިވެފައިވާތީ އާއި ހަގު އަނބިކަބަލުން ވިހަން ގާތްވެފައިވާތީ ބަންދަށް ލުޔެއް ދެއްވުމަށް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ޒިޔަތުގެ ފަރާތްޕުޅުން ކޯޓްގައި މިއަދު އެދިވަޑައިގެންފައިވެއެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ ދުވަހަކު ދެ ފަރާތަށްވެސް ހެކިން ހުށައެޅުއްވުމުގެ ފުރުޞަތު ކޯޓުން ދެއްވުމަށްފަހުއެވެ.