ޚަބަރު

ތިމާވެށި ޙިމާޔަތްކުރަން ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރަން ނިކުތުމަށް ރައީސް ގޮވާލައްވައިފި


ތިމާވެށި ޙިމާޔަތްކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހާ ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ދިވެހީންގެ ޢަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތިމާވެށި ޙިމާޔަތްކުރުމާއި އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެކެވެ. އަދި، ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ޤައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ޤައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ޤުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޙައްލުތަކާއި އެ ޙައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާޢީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައެވެ. އަދި، މިކަން ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ޤައުމެއް ތަފާތުކުރެވެން ނެތްކަމަށާއި، މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، ޢާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި، އެކަމަށް އޮތް އެންމެ މުހިންމު ޙައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނައިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ޙިމާޔަތްކުރާ ސަރަޙައްދުތައް އިތުރުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.