ޚަބަރު

ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށް އެކްޝަން ޕްލޭނެއް !


ކްލަބް ޖަމްޢިއްޔާތަކުގެ ދާއިރާ ފުޅާކޮށް، ޖަމްޢިއްޔާތައް
ބާރުވެރިކުރުވުމުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ޖަމްޢިއްޔާތަކުގެ
މަހާސިންތާއިން ނިންމަވައިފިއެވެ.



ދެދުވަހަށް ކުރިއަށްދިޔަ މި މަހާސިންތާގައި ޖަމްޢިއްޔާތަކުން
ފާހަގަކުރި ކަންތައްތަކުގެ މައްޗަށް އެކްޝަން ޕްލޭންއެއް އެކުލަވާލާނެ ސްޓިއަރިންގ
ކޮމިޓީއެއް ހޯމް މިނިސްޓްރީން ވަނީ ހޮއްވަވާފައެވެ.

ހޯމް މިނިސްޓްރީން އެކުލަވާލައްވާފައިވާ
ސްޓިއަރިންގ ކޮމިޓީގެ މެމްބަރ ފަޒްލާ އަބްދުލް ސަމަދު ވިދާޅުވީ މި މަހާސިންތާގައި
ޖަމްޢިއްޔާތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކާއި އެކަމަށް
ގެނެވުނު ޙައްލުތައް އެ ކޮމިޓީން އެކުލަވާލާ އެކްޝަން ޕްލޭންގައި ހިމެނޭނެކަމަށެވެ. އެގޮތުން
ޖަމްޢިއްޔާތަކަށް މާލީ ތަނަވަސްކަން ހޯދާނެ ގޮތާއި މިހާރު އޮތް ޤާނޫނީ އޮނިގަނޑު
ހަރުދަނާކުރުންވެސް ހިމެނޭނެކަމަށާއި އެއްމަސްދުވަހުގެ ތެރޭގައި އެކްޝަން ޕްލޭންގެ
ޑްރާފްޓެއް އެކުލަވާލުމަށްފަހު ޖަމްޢިއްޔާތަކުގެ ކޮމެންޓަށް ހުޅުވާލާނެކަމަށް
ސްޓިއަރިންގ ކޮމިޓީގެ މެމްބަރ ފަޒްލާ އަބްދުލްސަމަދު ވިދާޅުވިއެވެ.



ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި
މަދަނީ ޖަމްއިއްޔާތަކުގެ ދައުރާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި ބައިނަލްއަޤްވާމީ
ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ޖަމްޢިއްޔަތާކައި ދައުލަތުން ގުޅިގެން ކުރެވިދާނޭ
ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި ސަރުކާރާއި
ރައްޔިތުން ގުޅިގެން މަސައްކަތްކުރުމާއި،  ސަރުކާރު ޒިންމާދާކުރުވުމަށް މަދަނީ
ޖަމިއްޔާތަކަށް އަދާކުރެވިދާނެ ދައުރުވެސް ހިމެނެއެވެ. މީގެ އިތުރުން މަދަނީ
ޖަމްޢިއްޔާތައް ހިންގުމުގައި މާލީ ގޮތުންނާއި، ޤާނޫނީ ގޮތުން ކުރިމަތިވާ
ގޮންޖެހުންތައް ފާހަގަކުރައްވައި، މިކަންކަން ޙައްލުކުރުމަށް އެޅިދާނޭ
ފިޔަވަޅުތައް ޖަމްއިއްޔާތަކުން ވަނީ ހުށަހަޅާފައެވެ.



ކްލަބް ޖަމްއިއްޔާތަކުގެ މަހާސިންތާ ބޭއްވުމުގެ މައިގަޑު
މަޤުޞަދުތަކުގެ ތެރޭގައި، ހިލޭ ސާބަހަށް ޙަރަކާތްތެރިވާން ރާއްޖޭގައި އުފެދިފައިވާ
ކްލަބް ޖަމްޢިއްޔާތަކުގެ މަންފާއާއި ތަރައްޤީއަށްޓަކައި ކްލަބް ޖަމްޢިއްތާތަކާއި
ސަރުކާރު ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކުރުމާއި،  ޖަމްޢިއްޔާރަކުގެ ދައުރު ފުޅާކުރުމުގައި ޖަމްޢިއްޔާތަކުން
އަމިއްލަ ގޮތުން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް، ހިންގުމުގައި ދިމާވެފައިވާ
ގޮންޖެހުންތަކަކީ ކޮބައިތޯ ބަލުމާއި، 
މިކަންކަން ޙައްލުކޮށްދިނުމުގައި ހޯމް މިނިސްޓްރީއަށާއި ސަރުކާރަށް ކޮށްދެއްވޭނެ
ކަންތައްތަކެއް ފާހަގަކުރުން ހިމެނެއެވެ.



މިއީ ޔޫއެންޑީޕީގެ
އެހީގައި ހޯމް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން ބޭއްވެވި  ޖަމްއިއްޔާތަކުގެ މިފަދަ ތިންވަނަ މަހާސިންތާއެވެ.