މިދިޔަ އޭޕްރިލްމަހު ގްރީން ފަންޑުން 31 މަޝްރޫޢަކަށް 59 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހު 31 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
އޭޕްރީލްމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ މާރޗުމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާ ބަލާއިރު، %57ދަށް އަދަދެކެވެ. މާރޗުމަހު ގްރީން ފަންޑުންވަނީ 140މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން އޭޕްރީލްމަހު އެފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނ.މާޅެންދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. މި މަޝްރޫއަށް 8.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 2ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބ.ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށެވެ. އެއީ 7.7 މިލިއަން ރުފިޔާއެވެ.
އޭޕްރީލްމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޭޕްރީލްމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވަނީ ހާމަކޮށްފައެވެ.
އޭޕްރީލްމަހުގެ ނިޔަލަށް 379.5 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 319.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އޭޕްރީލަމަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 767 މިލިއަން ރުފިޔާއެވެ.
ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.