ކުޅިވަރު

ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ސްވިއަޓެކަށް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ޕޯލަންޑުގެ އީގާ ސްވިއަޓެކް ހޯދައިފިއެވެ.

މި މުބާރާތް ސްވިއަޓެކް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލް މެޗުގައި އެމެރިކާގެ ކޯކޯ ގައުފް ބަލިކޮށްގެންނެވެ.

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސްވިއަޓެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗް އޭނާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. އެއީ ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ.

މިއީ ސްވިއަޓެކް ޖެހިޖެހިގެން ކާމިޔާބުކުރީ 35 ވަނަ މެޗެވެ. މި މެޗްގައި ގައުފްއަށް މާކަ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. ނަމަވެސް މިމުބާރާތުގެ ފައިނަލަށް ދިއުންވެސް ގައުފް ސިފަކުރަނީ އޭނާއަށް ކާމިޔާބީއެއްގެ ގޮތުގައެވެ.

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ސްވިއަޓެކް ހޯދިއިރު، މި އަހަރުގައި އެންމެފަހުން ކުޅުނު ފަސް މުބާރާތްވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ދޯހާގައި ބޭއްވި މުބާރާތާއި، އިންޑިއަން ވެލްސް އާއި، މައޭމީ އާއި، ސްޓުޓްގާޓް އަދި ރޯމުގައި ބޭއްވި މުބާރާތްތައް ހިމެނެއެވެ. އަދި މިއަހަރުގެ މާޗު މަހު އޮސްޓްރޭލިއާގެ އެޝްލީ ބާޓީ ކުއްލިއަކަށް ރިޓަޔާކުރުމުން ސްވިއަޓެކަށް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމުވެސް ވަނީ ލިބިގެންގޮސްފައެވެ.