ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު ހަންގޭރީން ކާމިޔާބުކޮށްފިއެވެ.
ހަންގޭރީގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއީ ފާއިތުވި 60 އަހަރު ތެރޭ ހަންގޭރީން އިންގްލެންޑުގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. ހަންގޭރީން އެންމެ ފަހުން އިންގްލެންޑް ބަލިކުރީ 1962 ވަނަ އަހަރެވެ. އޭގެ ފަހުން ހަންގޭރީ އަތުން އިންގްލެންޑް ބަލިވެފައެއް ނުވެއެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލެންޑުންނެވެ. ނަމަވެސް މި މެޗްގައި އިންގްލަންޑްގެ ފަރާތުން އާންމުކޮށް ފެނިގެންދާ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ.
މިމެޗްގައި ހަންގޭރީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޯސްލައިއެވެ. މިއީ ބަދަލަކަށް ކުޅެން އެރި އިންގްލެންޑުގެ ޑިފެންޑަރު ރީސް ޖޭމްސް އޭރިއާ ތެރެއިން ހަންގޭރީގެ ސޮލްޓް ނާގީއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް ބަލިވިއިރު، މި މުބާރާތުގައި އިންގްލެންޑް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަނާ ދެކޮޅަށެވެ. އަދި ހަންގޭރި ބައްދަލުކުރާނީ އިޓަލީއާއެވެ.