ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި އިޓަލީ އާއި ޖަރުމަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އިޓަލީގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
މި މެޗަށް އިޓަލީ ޓީމުން ނެރެފައިވަނީ ވަރަށް އައު ޓީމެކެވެ. އެގޮތުން އާންމުކޮށް ފެންނަ ކުޅުންތެރިންނަށް ވުރެ ބޮޑަށް ގިނައީ ގޮތް ބެލުމުގެ ގޮތުން އަރުވާފައިވާ ޒުވާން އަދި ގައުމީ ޓީމަށް މާގިނައިން ކުޅެފައިނުވާ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމްގައި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔަކަށް ކުޅެފައިވަނީ އުމުރުން 23 އަހަރުގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާއެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމުންނެވެ. އެކަމަކު މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ އިޓަލީންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ޖަރުމަނުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗްއެވެ.
ޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި އިޓަލީ އާއި ޖަރުމަން ބައްދަލުކުރި މެޗު އެއްވަރުވިއިރު، މިގްރޫޕްގައި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަނުން އަމިއްލަ ދަނޑުގައި ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އަދި ހަމަ އެ ރޭ އިޓަލީ ބައްދަލުކުރާނީ ހަންގޭރީއާއެވެ.