ދުނިޔޭގެ ވިޔަފާރި

ދެކުނު އެފްރިކާގެ ކޮމްއެއާގެ ފްލައިޓްތައް ގްރައުންޑްކޮށްފި


ބްރިޓިޝް އެއާވޭސްގެ ފްލައިޓްތައް ދެކުނު އެފްރިކާގައި އޮޕްރޭޓްކުރާ ކޮމްއެއާގެ ފްލައިޓްތައް ފަންޑު ނެތުމުގެ ސަބަބުން ގްރައުންޑްކޮށްފިއެވެ.

ކޮމްއެއާ އިން އޮޕަރޭޓްކުރާ ބަޖެޓް އެއާލައިން ކުލުލާގެ ފްލައިޓްތައްވެސް ވަނީ ގްރައުންޑްކޮށްފައެވެ. އެއީ ދެ އެއާލައިނުގެ ޓިކެޓްވެސް ވިއްކުން މަނާކޮށްފައިއޮތުމުގެ ސަބަބުންނެވެ. ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންވާ އިތުރު ފައިސާ ހޯދަމުން ދާކަމަށް ކޮމްއެއާ އިން ބުނެއެވެ. އަދި ފަންޑު ލިބުނުހާ އަވަހަށް މަސައްކަތްތައް ފަށާނެކަމަށާއި ނަމަވެސް ފަންޑު ޔަޤީންވަންދެން ޝެޑިއުލްކޮށްފައިހުރި ހުރިހާ ފްލައިޓްތައް ސަސްޕެންޑުކުރަންޖެހޭނެކަމަށް ކޮމްއެއާގެ އެޑްމިނިސްޓްރޭޓަރުން އަންގާފައިވާކަމަށް ކޮމްއެއާ އިން ބުނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި 2020ވަނަ އަހަރުވެސް ކުންފުނީގެ ސްޓަރަކްޗާ ބަދަލުކުރުމަށް ކޮމްއެއާ އިން ވަނީ ކުންފުނި ބަގުރޫޓުވުމުގެ ހާލަތާއި ގާތްގަޑަކަށް އެއްގޮތް ހާލަތެއް ކަމަށްވާ ބިޒްނަސް ރެސްކިއު އެއް ފައިލްކޮށްފައެވެ.

ބަލިމަޑުކަމަށްފަހު މިދިޔަ ފެބްރުއަރީމަސް ނިމެންވާއިރަށް ކުންފުނީގެ ގާތްގަޑަކަށް ހުރިހާ ފްލައިޓެއްހެން ވަނީ އޮޕަރޭޓް ކުރަން ފަށާފައެވެ. ކޮމްއެއާ އިން 26 ބޮއެންގް ޖެޓް އޮޕަރޭޓްކުރެއެވެ.

ސަލާމަތީ ކަންބޮޑުވުންތަކަކާއިހެދި މިދިޔަ މާޗް މަހު ދެކުނު އެފްރިކާގެ އޭވިއޭޝަން އޮފިޝަލުން ވަނީ ކުންފުނި ފަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޑު ކުރުމުގެ ސަބަބުން އެއާލައިން ކެޕޭސިޓީ %40 ދަށަށްދާނެއެވެ. އަދި ދެކުނު އެފްރިކާގެ ވިޔަފާރީގެ އެންމެ ކާރޫބާރޫ ބޮޑު މަގު ކަމަށްވާ ޖޮހެނަސްބާގާއި ކޭޕްޓާއުން މަގުން ދަތުރުކުރާ ފްލައިޓުތަކުގެ އަގުވެސް އުފުލިގެން ދާނެއެވެ.