ކުޅިވަރު

ފުވައްމުލަކުގައި ގާއިމުކުރި ޓީޓީ ސެންޓަރުގެ މަސައްކަތް ނިންމާލައިފި


ފުވައްމުލައް ސިޓީގައި މި ސަރުކާރުން ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރުގެ މަސައްކަތް ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މި ސަރުކާރުން ފުވައްމުލަކުގައި ގާއިމުކުރި ޓީޓީ ސެންޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއީ ޓީޓީ ސެންޓަރެއް މާލެ ނޫން އެހެން ރަށެއްގައި ގާއިމުކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ވަކި ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ކުޅިވަރަކަށް އެއް ހަމައަކުން ޚަރަދުކޮށް އެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ، ފުވައްމުލަކުގައި ގާއިމުކުރެވުނު ޓީޓީ ސެންޓަރުގައި ބިދޭސީ ކޯޗުންނާއެކު ކުޅުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިފަހުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން އެއް ކުޅިވަރަކީ ޓީޓީއެވެ. ރާއްޖޭގައި މިއަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކުރަމުން އަންނަ ޓީޓީ ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާއި ގުޅިގެން ރާއްޖޭގައި ކޮމަންވެލްތު ޖޫނިއާ ޓީޓީ މުބާރާތް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވަރަށް އަވަހަށް ބިޑުކުރާނެއެވެ.