ޚަބަރު

ފަރަންސޭސިވިލާތާމެދު ހިތްހަމަނުޖެހި ރަޝިޔާއާ މަޝްވަރާކުރަން ޔޫކްރެއިނުން ދެކޮޅުހަދައިފި


ރަޝީޔާގެ ފައުޖުތައް ފަހަތަށް ޖެހުމުގެ ކުރިން އެ ޤައުމާ އެއްވެސް މަޝްވަރާއެއް ކުރުމުގެ ބޭނުމެއް ނެތްކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކަށް 100 ފުރިފައިވަނިކޮށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންވަނީ ދުނިޔޭގެ ކުރިމަތީގައި ރަޝިޔާ ލަދުގަންނަވާލަން ނުޖެހޭކަމަށް ވިދާޅުވެ ޔޫކްރެއިނުގެ މައްސަލަ ޙައްލުކުރުމަށް މެދުވެރިއެއްގެ ދަޢުރުޢަދާކުރަން ފަރަންސޭސިވިލާތުން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. މެޚްރޮން ވިދާޅުވި ގޮތުގައި ޕުޓިން ފެއްޓެވި ހަނގުރާމައެއްގެ އަގު ރަޝިޔާގެ ރައްޔިތުން ދައްކަން ޖެހި އެ މީހުން ދުނިޔެއިން ބާކީވުމަކީ އޭނާ ބޭނުންފުޅުވާ ގޮތެއް ނޫންކަމަށެވެ.

ވިލާތުގެ ގިނަ ޤައުމުތަކުގެ އިސްވެރިންނާ ޚިލާފަށް ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ވާހަކަދައްކަވަމުންދާ މަދު ބޭފުޅުންގެ ތެރޭގައި މެޚްރޮން ހިމެނެއެވެ. އޭނާވަނީ ހަނގުރާމަައިގެ ކުޑަ ދުވަސްކޮޅެއްކުރިން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން ޕުޓިންނާ ބައްދަލުކުރައްވައި ޔޫކްރެއިނުގެ މައްސަލާގައި މަޝްވަރާކުރައްވައިފައެވެ. އަދި ހަނގުރާމައިގެ ތެރޭގައި އެކި ފަހަރުމަތިން އޭނާވަނީ ޞުލްޙަވެރި ޙައްލެއް ހޯއްދެވުމަށް ޕުޓިންނަށް ގުޅުއްވައި ވާހަކަދައްކަވައިފައެވެ. އޭގެ އިތުރުން ހަނގުރާމައިގެ ތެރޭގައި ވިލާތުގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރެއްވި ނަމަވެސް މެޚްރޮން އެ ގޮތަށް ޢަމަލުކުރައްވައިފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުންވަނީ ޔޫކްރެއިނަށް މާލީގޮތުންނާއި އަސްކަރީގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މަޝްވަރާކޮށްގެން ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މެޚްރޮން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމީތުރޯ ކުލޭބާ ވިދާޅުވީ މެޚްރޮންގެ ވާހަކަތަކާމެދު ފަރަންސޭސިވިލާތުން ލަދުގަންނަން ޖެހޭނެކަމަށެވެ. އަދި ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި ރަަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހުމުގެ ކުރިން އެ ޤައުމާ ކުރާނެ މަޝްވަރާއެއް ނެތްކަމަށާއި ޔޫކްރެއިނުން ބޭނުންވަނީ ދުނިޔޭގައި ރަޝިޔާއަށް އޮތް މަޤާމު ދައްކާލަންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޔޫކްރެއިނަށް ޒަމާނީ އަދި ވަރުގަދަ ހަތިޔާރުތައް ލިބެމުންދާކަމަށާއި ރަޝިޔާއަށް ހަނގުރާމަ ކާމިޔާބުނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރަޝިޔާއާ މަޝްވަރާކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އެ ޤައުމުންވަނީ އެކި ފަހަރުމަތިން ރަޝިޔާއާ މަޝްވަރާކޮށްފައެވެ. ނަމަވެސް ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ލިބެން ފެށުމުން އެ ޤައުމުންވަނީ މަޝްވަރާތައް ހުއްޓާލައިފައެވެ. ރަޝިޔާއިން ބުނެފައިވަނީ ހުޅަނގުގެ ޤައުމުތަކުން ބޭނުންވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީގެން ހަނގުރާމަ ދިގުދަންމަންކަމަށެވެ.