ކުޅިވަރު

ޑެންމާކުން ފަހަތުން އަރައި ޗެމްޕިއަން ފްރާންސް ބަލިކޮށްފި


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކޮށްފިއެވެ.

ޕެރިހުގެ ސްޓާޑޭ ޑި ފްރާންސްގައި ކުޅުނު މި މެޗް ޑެންމާކުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރާންސް ޓީމުންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހައި، ފްރާންސް ޓީމަށް ލީޑު ނަގާދިނީ ކަރިމް ބެންޒީމާއެވެ.

މި މެޗްގައި ޑެންމާކްގެ ތަރިއަކަށް ވެގެންދިޔައީ ދެވަނަ ހާފްގައި ކުޅެއން އެރި ބަދަލު ކުޅުންތެރިޔާ އެންޑްރިއާސް ކޯނޭލިއަސްއެވެ. އެގޮތުން މި މެޗްގައި ޑޭންމާކުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ.

ޑެންމާކުގެ ފުރަތަމަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ކޯނޭލިއަސް ޖަހައިދިންއިރު، މެޗުން އެ ޓީމު މޮޅުވި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެެވެ. މިއީ ކޯނޭލިއަސް ޑެންމާކަށް ކުޅުނު މެޗެއްގައި ދެ ލަނޑު ކާމިޔާބުކުރި ފުރަަތަމަ ފަހަރެވެ.

މިމެޗްގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އާއި ރަފައެލް ވަރާންއަށް އަނިޔާވެގެން ވަނީ ބާލަން ޖެހިފައެވެ. މިއީ ގިނަ މައްސަލަތަކެއް ދިމާވެގެންދިޔަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަަށްފަހު މި ސްޓޭޑިއަމްގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އެކަމަކު މި މެޗްގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި ޑެންމާަކުން ފްރާންސް ބަލިކުރިއިރު، މި ގްރޫޕްގައި ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮސްޓްރިއާއިންނެވެ.