ދުނިޔޭގެ ވިޔަފާރި

ހަނޑޫ ހެއްދުމުގެ މަސައްކަތް ފަށަން ލަންކާ ސަރުކާރުން ދަނޑުވެރިންނަށް ގޮވާލައިފި


އަވަށްޓެރި ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިޤްޠިޞާދީ ކާރިޘާއާއި ހެދި ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން ދަނޑުތަކުގައި ހަނޑޫ ހައްދަން ފަށަން އެ ޤައުމުގެ ދަނޑުވެރިންނަށް ލަންކާ ސަރުކާރުން ގޮވާލައިފިއެވެ.

މިގޮތަށް ގޮވާލައްވައި ލަންކާގެ ދަނޑުވެރިކަމާއިބެހޭ ވަޒީރު މަހިންދާ އަމަރަވީރާ ވިދާޅުވީ ޤައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްވެ، ކާބޯތަކެތި ލިބުން ދަތިވެފައިވާ ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތިވެސް ލިބުން ވަނީ ދަތިވެފައެވެ. މީގެ ސަބަބުން އިންފްލޭޝަން މަތިވެ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ނަގާ މިންވަރުވެސް އަންގާރަދުވަހު ސަރުކާރުން ވަނީ އިތުރުކޮށްފައެވެ.

ކާބޯތަކެތީގެ ދަތިކަމުން އަރައިގަތުމުގެ މަގުތައް ހޯދުމުގެ މަސައްކަތް ލަންކާ ސަރުކާރުގެ އޮފިޝަލުން އަންނަނީ ކުރަމުންނެވެ. މިގޮތުން ދެކުނު އޭޝިއާގެ ފުޑް ބޭންކްގެ އެހީވެސް ލަންކާ ސަރުކާރުން ވަނީ ހޯދާފައެވެ. ފުޑް ބޭންކުން ވަނީ ހަނޑުލާއި އެނޫވެސް ތަކެތީގެ އެހީތެރިކަން ލަންކާއަށް ފޯރުކޮށްދީފައެވެ.

ލަންކާގެ ފުޑް ކޮމިޝަނާ ޖޭ ކްރިޝްނާމޫތީ ވިދާޅުވި ގޮތުގައި ގާތްގަޑަކަށް 100000 މެޓްރިކް ޓަނުގެ ކާނާ ލަންކާއަށް މިވަގުތު ބޭނުންވެއެވެ.

އަންގާރަ އާންމުކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ އިންފްލޭޝަން ރޭޓު މިހާރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެ، 39.1 އިންސައްތައަށް އަރާފައެވެ.
މި ކާރިޘާއިން އަރައިގަތުމުގެ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ނަގާ މިންވަރު އިތުރުކުރުމަށް އަންގާރަ ދުވަހު ލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ.

22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ކާރިޘާ އަކީ ލަންކާއަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތި އެންމެ ބޮޑު އިޤްޠިޞާދީ ކާރިޘާއެވެ.