ދުނިޔޭގެ ވިޔަފާރި

ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާއިން އެދިއްޖެ


އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ކާރިޘާއާ ގުޅިގެން ޤައުމުތަކުން ކާބޯތަކެތީގެ އެހީތެރިކަން ފޯރޮކޮށްދިނުމަށް ސްރީލަންކާއިން އެދިއްޖެއެވެ.

ލަންކާގެ ފުޑް ކޮމިޝަނަރ ޖޭ ކްރިޝްނާމޫތީ ވިދާޅުވިގޮތުގައި ގާތްގަނޑަކަށް 100000 މެޓްރިކް ޓަނުގެ ކާނާ ލަންކާއަށް މިވަގުތު ބޭނުންވެއެވެ. ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަނުން ހިންގާ ފުޑް ބޭންކުގެ އެހީ ލަންކާ ސަރުކާރުން މިހާރު ދަނީ ހޯދަމުންނެވެ. ފުޑް ބޭންކުން މިހާރު ވަނީ ހަނޑުލާއި އަދި އެނޫންވެސް ޒަރޫރީ ބައެއް ތަކެތި އެ ޤައުމަށް ފޯރުކޮށްދީފައެވެ.

ލަންކާއަށް ވަރަށް ބޮޑަށް އެހީ ބޭނުންވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ ކްރެޑިޓް ލައިނާއި ކަރަންސީ ސްވެޕްގެ ގޮތުގައި ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ލަންކާއަށް ފޯރުކޮށްދީފައެވެ. ޗައިނާއިންވެސް ފައިސާގެ އެހީވެފައިވާއިރު ޖަޕާނާއި އިންޑިއަން ސްޓޭޓް އޮފް ޓަމިލް ނާޑޫއިން ވަނީ ބޭހާ ކާނާ ފޯރުކޮށްދީފައެވެ.

ކާބޯތަކެތީގެ އިތުރުން ގޭހާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތީގެ އަގުވެސް ލަންކާގައި ވަނީ ބޮޑުތަނުން އުފުލިފައެވެ. އަންގާރަ އާންމުކޮށްފައިވާ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ލަންކާގެ އިންފްލޭޝަން ރޭޓު މިހާރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެ، 39.1 އިންސައްތައަށް އަރާފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ބައެއް ޓެކްސްތައް ނަގާ މިންވަރުވެސް ލަންކާއިން ވަނީ އިތުރުކޮށްފައެވެ. 22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްޠިޞާދީ ކާރިޘާއަކީ ލަންކާއަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިޤްޠިޞާދީ ކާރިޘާއެވެ.