ދުނިޔޭގެ ވިޔަފާރި

ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޯޕެކުން ނިންމުމާއެކު ތެލުގެ އަގަށް ބަދަލު!


ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް (އޯޕެކް) އޮން ނިންމުމާއިއެކު ތެލުގެ އަގަށް ބަދަލު އަތުވެއްޖެއެވެ.

ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިވަގުތު ހުރީ ފީފާއެއް 169.96 އެމެރިކާ ޑޮލަރަށެވެ. ޑަބްލިޔުޓީއައި ތެޔޮ ފީފާއެއްގެ އަގު ހުރީ 115.75 އެމެރިކާ ޑޮލަރެށެވެ. މި މަހުގެ 1 ވަނަ ދުވަހު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު ހުރީ ފީފާއެއް 122.30 އެމެރިކާ ޑޮލަރަށެވެ. ޑަބްލިޔުޓީއައި ތެޔޮ ފީފާއެއްގެ އަގު ހުރީ 117.65 އެމެރިކާ ޑޮލަރެށެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިއާއިން އުފައްދާ ތެލުގެ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރަން ޔޫރަޕިއަން ޔޫނިއަނުން ނިންމުމާއި ގުޅިގެންނެވެ. ރަޝިއާއިން އުފައްދާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މަދުކުރުމަށް އީޔޫއިން ވަނީ މިދިޔަ ހޯމަދުވަހޫ ނިންމާފައެވެ.

އަންނަ ޖުލައިމަހު 648000 ފީފާ ދުވާލެއްގެ މައްޗަށް އުފައްދަން އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސް އިން މިހާރު ވަނީ އެއްބަސްވެފައެވެ.

އޯޕެކްގެ ބައްދަލުވުން އާދީއްތަދުވަހު ބޭއްވިއިރު މިދިޔަ ހަފްތާ ފަހުކޮޅުވެސް ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފައެވެ. އަގު ތިރިވެފައިވަނީ ރަޝިއާ ތެޔޮ އެތެރެކުރާ މިންވަރު މަދުކުރުމުން ސައޫދީ އަރަބިއާ އާއި އެހެން ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމަށް ބެލެވިގެންނެވެ.