ޚަބަރު

އައްޑޫ މާރާމާރީގައި ކުށްވެރިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފި


އައްޑޫގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދިޔަ އުމުރުންް 21 އަހަރުގެ ޒުވާނާގެ މަރާއި ގުޅިގެން، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅަފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މި ޒުވާނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. މިމައްސަލާގައި އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މި މައްސަލައަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދޭން ޖެހޭކަމަށެވެ.

މިހާލަތުގައި ރަށުތެރޭގައި އަމާންކަން ޤާއިމްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އެކައުންސިލުން ވިދާޅުވީ މީހުންގެ ފުރާނައައް ގެއްލުންވާ އަނިޔާވެރި މިފަދަ ޢަމަލަކީ ވަރަށް ލާއިންސާނީ، ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކުން މަނާކުރާ، އަދި ހައްޤުތައް ކަށަވަރުކޮށްދެވިފައިވާ މުޖްތަމަޢެއްގައި މިފަދަ އަމަލުތައް ހިނގުމަކީ އައްޑޫ ސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން އެތައް ތަނަކަށް ހަމަލާ ދިނުމުން ނިޔާވީ އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާއެވެ. މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.