ޚަބަރު

ހަނގުރާމައިގައި ޔޫކްރެއިނުގެ 4،000އަށްވުރެ ގިނަ ޢާއްމުން މަރުވެއްޖެ


ފާއިތުވި 100 ދުވަހުގެ ތެރޭގައި ރަޝިޔާއިން ދިން ޙަމަލާތަކުގެ ސަބަބުން ޔޫކްރެއިނުގެ ޢާއްމުންގެ 4،169 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި ކުރަމުންދާ އެންމެ ގެއްލުން ބޮޑު ހަނގުރާމާގައި ޔޫކްރެއިނުގެ އެތައް ހާސް ޢާއްމުންނެއް މަރުވުމުގެ އިތުރުން 4،982 މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރޭގައި ދުވާލެއްގެ މައްޗަށް ދެ ކުދިން މަރުވެ ހަތަރު ކުދިން ޒަޚަމުވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ފާއިތުވި 100 ދުވަހުގެ ތެރޭގައި ޖުމުލަ 268 ކުދިންވަނީ ހަނގުރާމައިގެ ސަބަބުން މަރުވެފައެވެ. އަދި ކޮންމެ ތިން ކުއްޖެއްގެ ތެރެއިން ދެ ކުދިންވަނީ ވިއްސިވިހާލިވެފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ދެމުންދާ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމަށް 43 މިލިޔަން މީހުން ދިރިއުޅޭ ޔޫކްރެއިނުން 6.8 މިލިޔަން މީހުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ އިތުރުން ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ޢާއްމުންގެ 13 މިލިޔަން މީހުންވަނީ ތާށިވެފައެވެ. އަދި ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކުގައި އަށް މިލިޔަން މީހުންވަނީ ގެދޮރުގެއްލި ވިއްސިވިހާލިވެފައެވެ. އޭގެ ސަބަބުން ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ވިލާތަށް ކުރިމަތިނުވާވަރުގެ އިންސާނީ ބޮޑު ކާރިޘާއަކާވަނީ ކުރިމަތިލާން ޖެހިފައެވެ.

ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ޔޫކްރެއިނަށް ހަފުތާއެއްގެ މައްޗަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބެއެވެ. އަދި ފާއިތުވި 100 ދުވަހުގެ ތެރޭގައި އެ ޤައުމަށް ލިބުނު ޖުމުލަ ގެއްލުމުގެ އަގު 600 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ޤައުމުގެ %20 ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފިއެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވީ އެ ޤައުމުގެ ފަސްބައިކުޅަ އެއްބައި ނުވަތަ %20 އޮތީ ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައިކަމަށާއި ހަނގުރާމައިގެ ކުރީ ސަފު 1،000 ކިލޯމީޓަރަށް ފެތުރިފައިވާކަމަށެވެ.