ޚަބަރު

3 ސްކޫލެއްގައި "ސެން" ކްލާސް ހަދަން އިންޑިއާއިން 4.6 މިލިއަން ރުފިޔާ


ރާއްޖޭގެ 3 ސްކޫލްއެއްގައި "އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް" ޔުނިޓްތައް ޤާއިމްކުރުމަށް އިންޑިއާއިން 4.6 މިލޔަން ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައިދީފިއެވެ.

މި އެހީގެ ދަށުން އައިއީއެސް ޔުނިޓުތައް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒާއި ގއ. ތިނަދޫގައި ހުންނަ އަބޫބަކުރު ސުކޫލުގެ އިތުރުން ލ.ގަމުގެ އިހައްދޫ ސުކޫލުގައެވެ.

މި މަޝްރޫއުގެ ދަށުން އެ ތިން ސްކޫލްގައި އިންސާނީ ވަސީލަތްތައް ޤާއިމްކުރުމާއި ބޭނުންވާ އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ޔުންޓްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމާއި އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުންވެސް ހަމަޖެހިފައިެވެ.

މި އެހީ ހަވާލުކުރުމަށްޓަކައި ހއ.އަތޮޅޫ ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދަައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމަށާއި ޚާއްސަގޮތެއްގައި ތަޢުލީމީ ދާއިރާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާކަމަށެވެ. ސްޓޭޓް މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ އިތުރަށްވެސް އިންޑިއާ މުދައްރިސުން އެކި ސްކޫލްތަކުގައި ހަރަކާތްތެރިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިހާރު 3 ސްކޫލްއެއްގައި ސެން ޔުނިޓްތައް ޤައިމްކުރުމަށް ދިން އެހތެރިކަމުގެ އިތުރަށް ކުރިއަށް އޮތްތަނުގައި މިފަދަ އެހެން ޔުނިޓްތައް ޤާއިމްކުރުމަށް އިންޑިއާއިން އެހީތެރިވެ ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑާއިގެންނެވިއެވެ.

މިފަދަ މަޝްރޫޢުތަކަކީ، އިންޑިޔާއިން ރާއްޖެއަށް ވެދޭ ތަރައްޤީގެ އެހީގެ މައިގަނޑު އެއް ދާއިރާއެވެ. މީގެ ތެރޭގައި ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީ ހަދިޔާކުރުމާއި، ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމާއި، "ފިޔަވަތި - ހޯމް ފޮރ ވަލްނަރަބަލް ޗިލްޑްރަންސް" މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި އީ.އެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމާއި، ޅޮއްސާއި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.