ޚަބަރު

ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ފުޅާކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު


ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީގެ މަސައްކަތްތައް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

ވޯލްޑު ބޭންކުން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އެހީ ރާއްޖެއަށް ދިނުމަށް އެ ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

މި އެހީއަކީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށްދޭ އެހީއެއް ކަމަށެވެ.

ވޯލްޑު ބޭންކުން ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައިވީނަމަވެސް، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު، ހާއްސަކޮށް އަތޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވެފައިވާ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށްތައް ގިރުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ލާމަރުކަޒުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުމުގެ ބޭނުންތެރިކަން އިތުރަށް ވަނީ ބޮޑުވެފައިކަން ވޯލްޑު ބޭންކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން، ޖަޒީރާ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމަށްވެސް ވޯލްޑު ބޭންކުން ވިދާޅުވެއެވެ.

ވޯލްޑު ބޭންކުން ރާއްޖެއަށް ދިން އެހީ އާއި ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމާ އެކު، ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އިތުރަށް ހަލުވިވެ، އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމުތަކާއި ސިއްހީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ކިޔަވައިދިނުން ފަދަ އާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން ވަނީ އިތުރުވެފައި ކަމަށެވެ. އެހެންކަމުން މި ފުރުސަތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ތަރައްގީ ހާސިލްކުރުމުގެ އިތުރުން، މިހާރަށް ވުރެ ރަނގަޅު އިގްތިސާދެއް ބިނާކުރަން ރާއްޖެއަށް އާ ފުރުސަތުތަކެއްގެ ބޭނުން ހިފިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް ފަށާ 'ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓް'ގެ ދަށުން، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާކުރުމަށާއި އިންޓަނެޓު ހިދުމަތް ދޭން ބޭނުންކުރާ އިންފްރަސްޓްރަކްޗާ އާއި ޑޭޓާ ގަވަނަންސް އަދި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް، ކަމާ ބެހޭ އިދާރާތައް ވަރުގަދަކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވޯލްޑު ބޭންކުން ވިދާޅުވެއެވެ. މީގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން، ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ސިދާރުތާ ރާޖާ ވިދާޅުވި ރާއްޖޭގައި ބޭނުންކުރާ އައިޑީ ނިޒާމާއި ޑިޖިޓަލް އޮތެންޓިކޭޝަން ނިޒާމު ޒަމާނީ ކުރުމުގެ ސަބަބުން މާލީ، ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ފަދަ ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޮންލައިންކޮށް އަދި އޮފްލައިންކޮށް އިތުބާރު ކުރެވޭ މުއާމަލާތްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މޫސުމާއި ގުޅުންހުރި ޑޭޓާ ހިއްސާކޮށް އަދި އެ ޑޭޓާގެ އެނަލިސިސް ހެދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޑޭޓާއަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ރޭވުން ހަރުދަނާކުރުމަށް އެންމެ ފަހުގެ ޒަމާނީ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން ކޯ-ޓާސްކް ޓީމް ލީޑަރު ޖެރޯމް ބެޒީނާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މިހާރަށް ވުރެ ރައްކާތެރި އަދި ޒާތީ މައުލޫމާތުގެ ސިއްރުކަން ދެމެހެއްޓޭނެ އައިޑެންޓިފިކޭޝަން ނިޒާމުތަކާއެކު، އިންޓަނެޓް މެދުވެރިކޮށް އިތުރު އަދި އަގުހެޔޮ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ޑޭޓާ އަލުން ބޭނުންކޮށްގެން، ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމާއި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދީ، ޑޭޓާ އާއި އެނަލިޓިކްސް ރަނގަޅުވެގެންދާނެކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.