ޚަބަރު

އޭޕްރީލްމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ.އަތޮޅާއި ދ.އަތޮޅުން


އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކ.އަތޮޅުންނާއި ދ.އަތޮޅުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 87.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގްރީން ޓެކްސްގެގޮތުގައި ދައުލަތަށް އޭޕްރީލްމަހު ލިބުނު ފައިސާގެ ތެރެއިން 29.6 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ ދ. އަތޮޅުން، އޭޕްރިލްމަހު ވަނީ 8.2 މިލިއަން ރުފިޔާ ލިބިފައެވެ.

3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 8.1 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ. ގްރީން ޓެކްސްގެ ގޮތުގައި ކ. އަތޮޅުން 29.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރެއިން 28.3 މިލިއަން ރުފިޔާއަކީ ރިސޯޓުތަކުން ލިބިފައިވާ ފައިސާއެވެ. އަދި ބާކީ 1.3 މިލިއަންއަކީ ކ.އަތޮޅުގައި ހިންގާ ގެސްޓު ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފ. އަތޮޅާއި، ފުވައްމުލައް ސިޓީ އާއި، އައްޑޫ ސިޓީ އަތޮޅެވެ. އެގޮތުން ފ. އަތޮޅުން އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 7823 ރުފިޔާއެވެ. ފުވައްމުލައް ސިޓީއަށް ލިބުނީ 18784 ރުފިޔާއެވެ. އައްޑޫ ސިޓީން އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި 221737 ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.