ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ސްޕެެއިންގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. އަދި މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީވެސް ސްޕެއިނުންނެވެ. މި ލަނޑު އެޓީމަށް ކާމުޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
މިމެޗްގައި ޕޯޗުގަލުން ނަތީޖާ އެއްވަރު ކުރި ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ރިކާޑޯ ހޯޓާއެވެ. މިއީ އޭނާ ޕޯޗުގަލަށް ކުޅުނު ފުރަތަމަ މެޗެވެ.
ރޭ ކުޅުނު މެޗު އެއްވަރުވިއިރު، މި ދެ ޓީމުގެ މެދުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިހާރު މި ދެ ޓީމުގެ ކުރިމަތިލުމެއްގައި، ދެ ޓީމުންކުރެ ޓީމަކަށް މޮޅު ނުވެވޭތާ ދިހަ އަހަރު ވަނީ ވެފައެވެ.
ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ރޭ ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި ގްރޫޕުގައި ރޭ ސްވިޓްޒަލަންޑް އަތުން 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ވަނީ މޮޅުވެފައެވެ.