ދުނިޔޭގެ ވިޔަފާރި

ދައުލަތުގެ އާމްދަނީ ހޯދުމަށް ޓެކްސް ނަގާ މިންވަރު ލަންކާއިން އިތުރުކޮށްފި


ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ނަގާ މިންވަރު ސްރީލަންކާއިން އިތުރުކޮށްފިއެވެ.

ލަންކާ ސަރުކާރުން ވަނީ ވެލިއު އެޑެޑް ޓެކްސް، ވެޓްއިން ނަގާ މިންވަރު 8 އިންސައްތައިން 12 އިންސައްތައަށް އިތުރުކޮށްފައެވެ. މީގެ ސަބަބުން ދައުލަތުގެ އާމްދަނީ 180.56 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެއެވެ.

ވެޓްގެ އިތުރުން ކޯޕަރޭޓް އިންކަމް ޓެކްސް ނަގާ މިންވަރުވެސް ވަނީ 24 އިންސައްތައިން 30 އިންސައްތައަށް އިތުރުކޮށްފައެވެ. މީގެ ސަބަބުން އިތުރު 143.46 މިލިއަން އެމެރިކާ ޑޮލަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭނެއެވެ. މީގެއިތުރުން އިންކަމް ޓެކްސް ދެއްކުން މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމާފައިވާކަމަށްވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

މި ހަފްތާ ތެރޭގައި އިންޓެރިމް ބަޖެޓެއް އެކުލަވާލާނެކަމަށްވެސް މިމަހު ލަންކާ ސަރުކާރާއި ހަވާލުވި ބޮޑު ވަޒީރު ރަނިލް ވިކްރަންސިންހާ ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ފިޔަވަޅުތަކަކީ މުހިންމު ފިޔަވަޅުތަކެއްކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

22 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއަކީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނު ފަހުން ދިމާވި އެންމެ ބޮޑު ކާރިޘާކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ.

މިހާލަތަށް ޤައުމު ވެއްޓުނީ 2019 ވަނަ އަހަރުގެ ކުރީކޮޅު ޓެކްސް އުނިކުރަން އޭރުގެ ރައީސް ގޮތަބަޔާ ރާޖްބަކްސާ ނިންމި ހިސާބުންނެވެ.

ލަންކާއިން ޤައުމުތަކަށް ދަރައި، ދައްކަންޖެހޭ ގިނަ ލޯނުތަކެއްވެސް އެބަހުއްޓެވެ. އެ ޤައުމުގެ ފޮރިން ރިޒާވް ދަށްވެ، ޑޮލަރު ގަތުމަށް ޢާއްމުންގެ ޖީބުން އިތުރަށް ޚަރަދުކުރަން ޖެހުމުން ލަންކާ ރުޕީސްގެ އަގު ވަނީ 3 ގުނައަށް ވެއްޓިފައެވެ.