ދުނިޔޭގެ ވިޔަފާރި

ރަޝިއާއިން ތެޔޮ އެތެރެކުރުން މަދުކުރަން ނިންމުމާއެކު ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ


ދުނިޔޭގެ ތެލުގެ ބާޒާރަށް ރަޝިއާއިން ނެރޭ ތެލުގެ މިންވަރު މަދުކުރަން ޔޫރަޕިއަން ޔޫނިއަން، އިޔޫއިން ނިންމުމާއެކު ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.

ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިވަގުތު ހުރީ ފީފާއެއް 122.30 އެމެރިކާ ޑޮލަރަށެވެ. ޑަބްލިޔުޓީއައި ތެޔޮ ފީފާއެއްގެ އަގު ހުރީ 117.65 އެމެރިކާ ޑޮލަރެށެވެ.

ރަޝިއާއިން އުފައްދާ ތެލުގެ ގާތްގަޑަކަށް 90 އިންސައްތަ މަދުކުރުމަށް އީޔޫއިން ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ.

އީޔޫއިން މިގޮތަށް ނިންމާފައި އޮތްއިރު ތެޔޮ އުފައްދާ ޑީލްތަކުގައި ރަޝިއާ ބައިވެރިނުކުރުމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް (އޯޕެކް) ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްއިންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ސަބަބުން ހުޅަނގުގެ ޤައުމުތަކާއި ހުޅަނގަށް ވާގިވެރިވާ ޤައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް އިޤްޠިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތަކަށް މިހާރު އޮތީ ރަޝިއާގެ ތެލަށް ޤައުމުތަކުން ބަރޯސާވާ މިންވަރު ދަށްކުރުމެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި އޯޕެކް ޕްލަސްއިން މީގެކުރިންވެސް ވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ.