ޚަބަރު

ޕީއެސްއެމްގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަނީ


ޕަބްލިކް ސާރވިސް މިޑިއާ، ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ވޭތެވެދިޔަ 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް އެކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައިނުވުމުގެ ސަބަބުން ކުންފުނީގެ އޮޑިޓިންގެ މަސައްކަތް އައުޓްސޯސް ކުރުމަށް ނިންމައިފިއެވެ.

ޕީއެސްއެމްގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ވާނޭ ގޮތަކީ ކުންފުނިން ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުންފުނިން އެކުލަވައިލި އޮޑިޓް ޑިޕާޓްމަންޓާއެކު ކުރިއަށް ދިޔުންތޯ ބެލުމަށްފަހުއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ކުންފުނީގެ އޮޑިޓް މަސައްކަތްތައް ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ރަނގަޅަށް ކޮށްފައިނުވާކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހަށް ކުންފުނީގެ އޮޑިޓް ރިޕޯޓެއް ހުށަހަޅަންޖެހޭއިރު، މިދިޔަ އަހަރުވެސް އެކަންކޮށްފައި ނުވާކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ. އެހެންކަމުން އޮޑިޓްކުރުމުގެ މަސައްކަތް ކުންފުނިން ބޭރުގެ ބަޔަކާއި ހަވާލުކުރުމަށް ނިންމާފައިވަނީ، ކުންފުނި އޮޑިޓްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 14 މަސްދުވަހުގެ މުއްދަތު ތެރޭގައި ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓްއިން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ލިޔުންތަކެކެވެ. މިގޮތުން މި ލިޔުންތައް އިތުރަށް ތަހުޤީޤު ކުރުމަށް މިހާރު ވަނީ އޭ.ސީ.ސީއަށް ފޮނުވާފައެވެ.

އޮޑިޓް ޑިޕާޓްމެންޓެއްގެ މައިގަނޑު މަސައްކަތަކީ އޮޑިޓް ރިޕޯޓް އެކުލަވާލުން ކަމަށްވާއިރު ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމެންޓްއިން އޮޑިޓް ރިޕޯޓެއް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކުލަވާލާފައެއް ނުވެއެވެ.