ކުޅިވަރު

ވޮލީއަށް ކުރާ ޚަރަދުގެ ބަދަލުގައި ބޭނުންވަނީ މެޑަލް: މަޚްލޫފް


މި ސަރުކާރުން ވޮލީބޯޅައަށް ކުރާ ޚަރަދުގެ ބަދަލުގައި ބޭނުންވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރަން މެޑަލް ހޯދުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި "ވީއޭއެމް ސީޒަން ޑްރާފްޓް" ނައިޓުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އައު ސީޒަނާއެކު މުޅި ވޮލީބޯޅަ ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ގެ މޭސްތިރިކަމުގެ ދަށުގައި ވޮލީއަށް ކުރިއެރުންތަކެއް އަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި، އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ގިނަ ކޯޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ވޮލީއަށް ކުރާ ޚަރަދުގެ ބަދަލުގައި ބޭނުންވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތާއި ސާފް ގޭމްސްގެ އިތުރުން އިންޑިއަން އޯޝަން އައިލޭންޑްސް ގޭމްސް (އައިއޯއައިޖީ) ގައި މެޑަލް ހޯދުން ކަމަށެވެ. އަދި ވޮލީން މެޑަލް ހޯދަން ބޭނުންވާ އެހީ މި ސަރުކާރުން ދޭނެ ކަމަށާއި، އެކަމުގެ މަޝްވަރާތައް ވީއޭއެމްއާއެކު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވޮލީބޯޅައިގެ އައު ސީޒަން މި މަހު ފަށާއިރު، ޑްރާފްޓް ނައިޓްގައި ވަނީ ވީއޭއެމުން އެކުލަވާލި ބިދޭސީ 18 ކުޅުންތެރިންގެ ޕޫލުގައި ހިމެނޭ ކުޅުންތެރިން ޓީމުތަކަށް ބަހައިފައެވެ. އެގޮތުން މި ސީޒަނުގައި ކޮންމެ ކުލަބަކަށްވެސް ތިން ބިދޭސީ ކުޅުންތެރިން ކުޅޭނެއެވެ. ވީއޭއެމުން ބުނީ މި ބަދަލާއެކު ރާއްޖޭގެ ވޮލީބޯޅަ އެހެން ހަރުފަތަކަށް ޖައްސާލެވޭނެ ކަމަށާއި، މި ބަދަލުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ގައުމީ ޓީމަށް ކަމަށެވެ.