ޚަބަރު

ތަޚުތުގައި ރާނީ އެލިޒަބެތުގެ 70ވަނަ އަހަރު، އިނފިރޭސިވިލާތުގައި ކުލަގަދަ ޙަފުލާތަކެއް


އިނގިރޭސިވިލާތުގެ ތަޚުތުގައި ރާނީ އެލިޒަބެތު އިންނަވާތާ 70ވަނަ އަހަރު ފުރުން ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތުތަކާއި ޙަފުލާތައް ބާއްވަން ފަށައިފިއެވެ.

ހަތަރު ދުވަހަށް ދިގުދެމިގެންދާ ކުލަގަދަ ރަސްމިއްޔާތުތަކާއި ޙަފުލާތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ އެތައް ހާސް ރައްޔިތުންނެއްވަނީ ވެރިރަށް ލަންޑަނުގެ މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފައެވެ. އަދި ލަންޑަނުގެ މަގުތަކުގައި އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ޚާއްޞަ ހިނގާލުންތަކާއި އެކި ކުޅިވަރުތައް ބާއްވާފައިވެއެވެ. އެ މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު ޓީވީ މެދުވެރިކޮށް ބަލާނެއެވެ.

ރާނީ އެލިޒަބެތަށް މަރުޙަބާ ކިޔުމަށް ޢާއްމުންގެ އެތައް ހާސް ބަޔަކު ޝާޙީ ގަނޑުވަރު ކައިރިއަށް ޖަމާވިއެވެ. އަދި ރާނީ އެލިޒަބެތުވަނީ ޝާޙީ ޢާއިލާއާއެކު ގަނޑުވަރުގެ ބެލްކަންޏަށް ނުކުމެވަޑައިގެން ޢާއްމުންނާ ހަނާއަޅުއްވައިފައެވެ. އަދި އެ ވަޤުތު އިނގިރޭސިވިލާތުގެ ވައިގެ ސިފައިންވަނީ ގިނަ ޢަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއްގައި ވައިގެ ޗަރުކޭސްތަކެއް ދައްކާލައިފައެވެ. އެ ގޮތުން އެ މަތިންދާބޯޓުތަކުންވަނީ ވައިގެ ތެރޭގައި އިނގިރޭސިވިލާތުގެ ރަސްމީ ކުލަތައް ބޭނުންކޮށްގެން 70 އަޅައިފައެވެ.

ޢުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބެތު އިނގިރޭސިވިލާތުގެ ތަޚުތަށް އިސްކުރެވުނީ 1952ވަނަ އަހަރުގެ ތެރޭގައެވެ. އިނގިރޭސިވިލާތުގެ ތަޚުތުގައި އެންމެ ގިނަ ދުވަހު އިންނެވި ބޭފުޅަކީވެސް ރާނީ އެލިޒަބެތެވެ. އަދި އޭނާއަކީ ދުނިޔޭގެ ޤައުމެއްގައި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ބޭފުޅާވެސްމެއެވެ. އިނގިރޭސިވިލާތުގެ އިތުރުން އޮސްޓުރޭލިޔާއާއި ނިޔު ޒީލެންޑާއި ކެނަޑާއާއި ޖެމައިކާގެ އެންމެ އިސްވެރިޔަކީވެސް ރާނީ އެލިޒަބެތެވެ.