ޚަބަރު

މިސައިލުން ދިފާޢުވުމަށް ޚަރަދުކުޑަ ނިޒާމެއް އިސްރާއީލުން ބޭނުންކުރަނީ


މިސައިލުން ދިފާޢުވުމަށް ޚަރަދުކުޑަ ނިޒާމެއް އިސްރާއީލުން ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ވިދާޅުވީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ބޭނުންކުރަން ނިންމާފައިވަނީ ލޭޒަރ ނިޒާމެއްކަމަށާއި އެއީ މިސައިލާއި ރޮކެޓާއި ޑުރޯނުފަދަ ޙަމަލާތަކުން ދިފާޢުވުމަށް އެ ޤައުމުން އީޖާދުކޮށްފައިވާ ނިޒާމެއްކަމަށެވެ. އަދި ލޭޒަރ ބީމު ނިޒާމު ބޭނުންކޮށްގެން ޖައްވުގެ ތެރެއިން މިސައިލާއި ރޮކެޓާއި ޑުރޯނުތައް ގޮށްވާލުމަށް ޚަރަދުވާނީ އެންމެ ދެ އެމެރިކާ ޑޮލަރުކަމަށާއި އެއީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ބެނެޓު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ނިޒާމު އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ބޭނުންކުރަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން މިހާރު ބޭނުންކުރާ އަޔަން ޑޯމު މިސައިލުން ދިފާޢުވުމުގެ ނިޒާމަކީ ވަރަށް ޚަރަދު ބޮޑު ނިޒާމެކެވެ. މިސައިލާއި ރޮކެޓާއި ޑުރޯނުފަދަ ޙަމަލާތަކުން ދިފާޢުވުމަށް އެ ނިޒާމުން ބޭނުންކުރަނީ ޖައްވުގެ ތެރެއަށް ފޮނުވާލައި މިސައިލުތަކެކެވެ. 2021ވަނަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ކުރި ހަނގުރާމާގައި އެ ނިޒާމު ބޭނުންކޮށްފައިވެއެވެ. އެގާރަ ދުވަހުގެ އެ ހަނގުރާމާގައި ޙަމާސުންވަނީ 4،000އަށްވުރެ ގިނަ މިސައިލާއި ރޮކެޓު ޙަމަލާ އިސްރާއީލާ ދެކޮޅަށް ދީފައެވެ. އެ ޙަމަލާތަކުން ދިފާޢުވުމަށް އަޔަން ޑޯމުގެ މިސައިލުތަކަށް އިސްރާއީލުންވަނީ ދެ ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. ނަމަވެސް އެ ޙަމަލާތައް އިސްރާއީލުގެ މުޙިއްމު ރަށްތަކަށް ޢަމާޒުވެ ޔަހޫދީންނަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.