ޚަބަރު

ރައީސް އޮފީހަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، 11 ނޮވެންބަރު 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އެތައް ބޭފުޅުންނެއް ޚިދުމަތްކޮށްދެއްވާފައިވާއިރު، އެ ބޭފުޅުންގެ ޚިދުމަތް ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިރޭގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ބޭފުޅުންގެ ތެރެއިން ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އެރުވުމަށް ހަމަޖެހިފައިވަނީ އެބޭފުޅުންގެ ހަނދާނަށެވެ.