ކުޅިވަރު

ފިނާލިސިމާ 2022 ގެ ޗެމްޕިއަންކަން އާޖެންޓީނާއަށް


ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުނުގެ މެދުގައި ކުޅުނު "ފިނާލިސިމާ 2022" ގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދައިފިއެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއިން މިތަށި ކާމިޔާބުކުރީ ޔޫރަޕްގެ ޗެމްޕިއަން އިޓަލީއާ ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްގެންނެވެ. ވެމްބްލީ ސްޓެޑިއަމްގައި ކުޅުނު މި މެޗް އާޖެންޓީނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި އެންހެލް ޑި މާރިއާގެ ފަރާތުން މޮޅު ކުޅުމެއްވަނީ ފެނިގެންގޮސްފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށް، އާޖެންޓީނާއަށް ލީޑު ނަގާދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އަދި އާޖެންޓީނާގެ ދެވަނަ ލަނޑު މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑި މާރިއާ ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. އަދި އެ ޓީމްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްފައިވަނީ ޕައުލޯ ޑިބާލާއެވެ.

87 ހާހަށްވުރެ ގިނަ ކުޅިބެލުންތެރިން ކުރިމަތީގައި ކުޅުނު މި މެޗްގައި އާޖެންޓީނާގެ ފަރާތުން ފެނުނު މި ކުޅުމާއެކު، އެ ޓީމް މިވަނީ މިހާރު ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އާޖެންޓީނާ މި ވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

މިއީ ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު މިފަދަ ފުރަތަމަ މެޗެވެ. އެންމެފަހުން ދެ ބައްރުގެ ޗެމްޕިއަންގެ މެދުގައި ވާދަވެރި މެޗެއް ކުޅެފައިވަނީ 1993 ވަނަ އަހަރުއެވެ. އެ ފަހަރު އާޖެންޓީނާއިން ވަނީ ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށްފައެވެ. އޭރު އެ މެޗް ކުޅެފައިވަނީ "އާޓެމިއޯ ފްރާންޗީ ކަޕް" ގެ ނަމުގައެވެ.