ޚަބަރު

ކަމަދޫ ނަރުދަމާ ނެޓްވޯކް އެޅުމުގެ މަސައްކަތް މިމަހު ނިމޭނެ


ބ.ކަމަދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާ ނެޓްވޯކްގެ މަސައްކަތް މި މަހުގެ 15 ހިސާބުގައި ނިންމާލެވޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޑަބްލިއުއެސްސީން ވިދާޅުވެއެޖެއެވެ.

ނަރުދަމާ މައި ހޮޅި ވަޅުލުމުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ކަމަދޫ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އެރަށުގައި މިހާރު ކުރަމުންދަނީ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވެއްދުމުގެ މަސައްކަތާއި ފެން ހޮޅި އެޅުމުގެ މަސައްކަތެވެ. ނަރުދަމާގެ މައިހޮޅި ވަޅުލުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ގެތަކަަށް ކަނެކްޝަން ވެއްދުމުގެ 71 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މި މަސްރޫގެ ދަށުން އެރަށުގައި ޤާއިމްކުރާ ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ފެނުގެ މައި ހޮޅި އެޅުމުގެ 25 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފެން ފޯރުކޮށްދިނުމަށް ބަހައްޓާ އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ 60 އިންސައްތަ މަސަކަތް ވަނީ ނިމިފައެވެ. ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ ބުޑު އެޅުމުގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގެ 120 ގެއަކަށް ފެން ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ފެން ރައްކާކުރުމަށް 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓައި ވާރޭފެން ރައްކާކުރުމަށް 520 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ކަމަދޫގައި ޤާއިމްކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބަށް ނިންމާލެވޭނެކަމަށް އެކުންފުނިން ވަނީ ކުރިން ބުނެފައެވެ. އެހެންނަމަވެސް މަސައްކަތް ކުރުމުގައި ދިމާވި ދަތިތަކާ ހުރެ އެމުއްދަތައް ނިންމާނުލެވިދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އެއީ އެރަށުގައި އަލަށް އާބާދުވާ ސަރައްދަށް ނަރުދަމާ އާއި ފެނުގެ މައިހޮޅި އަޅަން ޖެހުމުންކަމަށް އެކުންފުނިން ބުނެއެވެ. އެހެންނަމަވެސް މިހާރު އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ރުއްގަސްތައް ނަގާ މަގުތައް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ.އަތޮޅުގެ 4 ރަށެއްގައި އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ މިމަސައްކަތް ކުރަމުންނެވެ. އެއީ ކަމަދޫގެ އިތުރުން މާޅޮސް އާއި ކެންދޫ އާއި ދަރަވަންދޫއެވެ. އެކުންފުނިން ބ.އަތޮޅުގައި ހިންގި މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ވަނީ ނިންމާފައެވެ.